ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ މައުލޫމާތުތައް ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށަހެޅުމާ ބެހޭގޮތުން ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި މަޝްވަރާކޮށްފިއެވެ.
މިއަދު ހެނދުނު އޮތް ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގައި ވާހަކަ ދައްކަވަމުން ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް ވިދާޅުވީ ދައުލަތުގެ އެކި ވަޒީރުންނަށާއި މަތީ މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކާ ދެކޮޅަށް ރައްޔިތުން ބޮޑެތި ތުހުމަތުތަކެއް ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން ދައުލަތުގެ އެންމެ މުހިންމު އިދާރާ ކަމަށްވާ އޭސީސީން މިފަދަ މައްސަލަތައް ނުބައްލަވާ ނިންމަވާލެއްވުމަކީ އެއްގޮތަކަށްވެސް ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
"މީގެ ކުރީ ފަހަރުތަކުގައިވެސް އަޅުގަނޑުމެން ނަމެއްގައި ވަޒީރުންނަށް ރުހުން ދިނީމާ ވާގޮތަކީ ރައްޔިތުންގެ މެދުގައި ބޮޑެތި ހިތްހަމަޖެހުމެއް އެބަހުރި. އެހެންކަމަށްވާއިރުގާ ހަމަ ސާފުކޮށް ސީދާކޮށް މި ކޮމެޓީން އެބޭފުޅުންގެ ވަނަވަރު ހަމަ މަތިމަތިން ބައްލަވާނީކީ ނޫން. މާކްސް ދެއްވާއިރުގާވެސް އެކަށީގެންވާ ރަނގަޅު ގޮތެއްގައި ބައްލަވާފާ މި ކޮމެޓީން ރައްޔިތުންނަށް ގަބޫލުކުރެވޭ މިންވަރަށް ބަލަންޖެހޭ." އިބްރާޙީމް ޝަރީފް ވިދާޅުވިއެވެ.
ޝަރީފްގެ ހުށަހެޅުމަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ ވަޒީރުން އައްޔަން ކުރުމާ ހަމައަށް އެބޭފުޅުންގެ ވިޔަފާރިތަކާ ބެހޭ މައުލޫމާތުތައް އިކޮނޮމިކް މިނިސްޓްރީންވެސް ސާފު ކުރަންޖެހޭ ކަމަށެވެ. އަދި ވަޒީރުންގެ ފަތިފުށް ސިއްރު ޑޮކިއުމަންޓެއްގެ ގޮތުގައި ވިއަސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް ހުށަހެޅުމަށް އެދޭ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްއެމްއޭގައި އޮންނަ އެފްއައިޔޫ އިންވެސް އަޅުގަނޑުމެންނަށް އެރިޕޯޓެއް އެބޭފުޅުންނަށް ހިއްސާކުރެވެން އޮތް ގޮތަކަށް އަދި ސިއްރު ޑޮކިއުމެންޓެއްގެ ގޮތުގައިވެސް ހުށައަޅަން އެބަޖެހޭ. ވޭތުވެދިޔަ ފަސް އަހަރު އާދަޔާ ޚިލާފަށް ރާއްޖޭގައި މަނީ ލޯންޑަރިން އާއި ހުރިހާ ކަމެއްވަނީ ހިނގާފަ." ޤާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވިއެވެ.
މިއަދުގެ ކޮމިޓީގައި މިގޮތަށް މަޝްވަރާތައް ކުރެވުނު ނަމަވެސް ކޮމިޓީގެ މުގައްރިރު ރިޔާޒް ރަޝީދު ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމާ ބެހޭ މަސައްކަތްތައް އެހެން ކޮމީޓީ ބައްދަލުވުމެއްގައި ކުރިއަށް ގެންދާނެ ކަމަށެވެ. އެހެންކަމުން މިއަދުގެ ކޮމިޓީގައި އެކަމަށް ވޯޓަށް އަހާފައެއް ނުވެއެވެ.