ސިޔާސީ

ކުންފުނިތަކުގެ އެކްސްޓަރނަލް އޮޑިޓެއް ހެދުމާއި ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ ޚިޔާލު ހޯދަނީ


ސަރުކާރު ހިއްސާވާ ސަތޭކަ އިންސައްތަ ކުންފުނިތަކުގެ ޕާފޯމެންސް އޮޑިޓެއް ހެދުމާއި ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ހޯދުމަށް އޮޑިޓަރ ޖެނެރަލް މާލިއްޔަތު ކޮމެޓީން ނިންމައިފިއެވެ.

މިއަދު ހެނދުނު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލް މާލިއްޔަތު ކޮމެޓީއަށް ހާޒިރުކޮށް އެކަމުގައި މަޝްވަރާ ކުރުމަށް ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހުއެވެ. މާލިއްޔަތު ކޮމެޓީއަށް އޮޑިޓަރ ޖެނެރަލް ހާޒިރުކުރަން ފާސްވީ ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ.

މެންބަރު ޝާހު ވިދާޅުވީ، ސަރުކާރު ހިއްސާވާ ސަތޭކަ އިންސައްތަ ކުންފުނިތަކުގެ ޕާފޯމެންސް އޮޑިޓެއް ހެދުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށާއި އެހެންކަމުން އޮޑިޓަރ ޖެނެރަލް ކޮމިޓީއަށް ހާޒިރުކޮށް އޮޑިޓުތަކާއި ގުޅޭގޮތުން މަޝްވަރާކުރަންޖެހޭ ކަމަށެވެ.

މާލިއްޔަތު ކޮމިޓީ އަށް އޮޑިޓަރ ޖެނެރަލް ހާޒިރުކުރަނީ އެ ކޮމިޓީން ބަލަމުން ގެންދާ އޮޑިޓް ރިޕޯޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އާއި ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އޮޑިޓަރ ޖެނެރަލްގެ ހިޔާލު ހޯއްދެވުމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހަށް އެކްސްޓާރނަލް އޮޑިޓަރެއް ހަމަޖެއްސުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ.