ސިޔާސީ

ޑޮކްޓަރުގެ ލަފާގެ މަތިން އަދީބު ގެޔަށް ބަދަލުކުރުމުގެ ހުއްދަ ދީފި


ޑޮކްޓަރުގެ ލަފަޔާއެކު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގެޔަށް ބަދަލުކުރުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދީފައިވާކަމަށް އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެއްޖެއެވެ.

އަދީބު ގެޔަށް ބަދަލުކުރާކަން ހާމަކޮށްފައިވާއިރު، އޭނާ މިވަގުތު އޮންނެވީ ކިޑްނީގައި ހިލަތަކެއް އުފެދުމާ ގުޅިގެން ކުރި އޮޕަރޭޝަނަށްފަހު އައިޖީއެމް ހޮސްޕިޓަލްގައެވެ.

ނަޝްވާ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ޑޮކްޓަރުން ލަފާދީފައިވާގޮތަށް އަދީބު ގޭ ބަންދަށް ބަދަލުކުރުމަށް ކަރެކްޝަނުން ހުއްދަ ދީފައިވާ ކަމުގައެވެ. ނަމަވެސް މިކަމާއި ގުޅިގެން ކަރެކްޝަނުން އަދި އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

އަދީބް ގެއަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާއިރު އޮޕަރޭޝަނަށްފަހު ތިން ހަފްތާއަށް ގެއަށް ބަދަލު ކުރުމަށް ކަރެކްޝަންގެ މެޑިކަލް ބޯޑުންވެސްވަނީ ލަފާދީފައެވެ. މީގެ އިތުރުން އަދީބު ގެއަށް ބަދަލުކޮށްގެން ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށް ހިއުމަން ރައިޓްސް ކޮމިޝުނުންވެސްވަނީ އަންގާފައެވެ.

33 އަހަރުގެ ޖަލު ޙުކުމްތަކެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ލޮލުގެ ނުރައްކާތެރި ބައްޔެއްކަމަށްވާ "ގުލަކޯމާ" ޖެހިފާއިވާ ކަމަށް އޭނާގެ އާއިލާއިން ވަނީ ބުނެފައެވެ. އަދި އަދީބުގެ އެތެރެހަށީގައި ސިސްޓެއް އުފެދިފައިވާކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާގެ އާއިލާއިން މީގެ ކުރިން ވަނީ ބުނެފައެވެ.