ޚަބަރު

ފަސް ވުޒާރާއަކަށް ހަ ސްޓޭޓް މިނިސްޓަރުން އައްޔަންކޮށްފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފަސް ވުޒާރާއަކަށް ހަ ސްޓޭޓް މިނިސްޓަރުން މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ރައީސް ޞާލިޙު މިއަދު ޢައްޔަން ކުރެއްވި ސްޓޭޓް މިނިސްޓަރުންގެ ތެރޭގައި ހިމެނެނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމަށް، ގަލޮޅު ކަނޑުވައިގެ، އަޙްމަދު އަފްސަލް އިބްރާހީމާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަންގެ މަޤާމަށް އައްޑުއަތޮޅު ހިތަދޫ ރަށްދެބައިގެ، ފާޠިމަތު ނަޞީރުއެވެ. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ މަޤާމަށް އައްޑުއަތޮޅު ހިތަދޫ ރޭއަލިވާގެ، އަޙްމަދު ޒުހައިރު ޢައްޔަން ކުރެއްވިއިރު މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމްގެ މަޤާމަށް ދަފްތަރު ނަންބަރު ރސ 1861އަޙްމަދު ޞާލިޙު ވަނީ ޢައްޔަން ކުރައްވާފައެވެ.

ހެލްތު މިނިސްޓްރީއަށް މިއަދު ވަނީ ދެ ސްޓޭޓް މިނިސްޓަރުން ޢައްޔަން ކުރައްވާފައެވެ. އެގޮތުން އެ މިނިސްޓްރީއަށް ޢައްޔަން ކުރެއްވި ދެ ސްޓޭޓް މިނިސްޓަރުންނަކީ
މާފަންނު އޯޝޭނިއާ، މުޙައްމަދު ޒުހެއިރާއި، ވިލިމާލެ ފަށާމަންޒިލް، ޝާހް ޢަބްދުﷲ މާހިރުއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޓްރެޓެޖިސްޓުގެ މަޤާމަށް އައްޑުއަތޮޅު ހިތަދޫ އާސީނުގެ އިބްރާހީމް ޙޫދު އައްޔަންކުރައްވާފައެވެ. ޙޫދުވެސް މި މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ.

ފަސް ވުޒާރާއަކަށް ހަ ސްޓޭޓް މިނިސްޓަރުން ރައީސް ޢައްޔަން ކުރެއްވިއިރު ރައީސް އޮފީހުން މިއަދު ބުނީ ސިޔާސީ މަޤާމުތަކާއި ބޯޑުތަކަށް މީހުން ޢައްޔަން ކުރާނީ މާލީ ބަޔާންތަކަށް ބެލުމަށްފަހު ކަމަށެވެ.