ޚަބަރު

ދިވެހިރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ބިލުގެ ސަބަބުން ވަކީލުންގެ ޚިދުމަތް ހަރުދަނާ ވާނެ - މެމްބަރުން


ދިވެހިރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ބިލު ޤާނޫނަކަށް ވެގެންދާއިރު ޤާނޫނީ ވަކީލުންގެ ޚިދުމަތް މަރުކަޒުކުރެވިފައި އޮތް އޮތުން ނިމުމަކަށް ގެނެސް ޒަމާނީ ޓެކްނޮލޮޖީގެ އެހީބޭނުންކޮށްގެން ނަމަވެސް މުޅިރާއްޖެއަށް ވަކީލުންގެ ޚިދުމަތް ލިބޭނެ މަގުފަހިވެގެންދިއުމަކީ މުޙިއްމުކަމެއްކަމަށް ކުޅުދުއްފުށީ ދެކުނުދާއިރާގެ މެންބަރު އަލްއުސްތާޛް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ 15 ވަނަ ޖަލްސާއަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހަޅުއްވި ދިވެހިރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ބިލަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި ވާހަކަދެއްކެވި މެންބަރުން ވަނީ މިބިލަށް ތާޢީދުކުރައްވައި ވާހަކަފުޅުދައްކަވާފައެވެ. މިބިލް ހުށައަޅުއްވަމުން އިމްތިޒާޒް ފަޙްމީ ވިދާޅުވީ، ޤާނޫނޫ ޚިދުމަތުގެ ބިލަކީ ތާރީޚީ ބިލެއްކަމަށާއި، މިއީ މިފަދަ ބިލެއް މަޖިލީހެއް ހުށައެޅޭ ފުރަތަމަ ފަހަރު ކަމަށެވެ.

އިމްތިޒް ފަޙްމީ ވިދާޅުވީ ލީގަލް ޕްރޮފެޝަން އާއި ޖުޑީޝަލް ޕްރޮފެޝަން އެކައްޗެއްގެ ގޮތުގައި އޮންނަ ޤައުމެއް، ރާއްޖެ ނޫނީ ނެތްކަމަށެވެ. އެހެންކަމުން މިބިލް ވެގެންދާނީ ރާއްޖޭގައި މިއޮތް އުސޫލު ބަދަލުކޮށް، ލީގަލް ޕްރޮފެޝަން އާއި ޖުޑީޝަލް ޕްރޮފެޝަން އެކައްޗެއްގެ ގޮތުގައި އޮތް އޮތުން ނިމުކަށް އަންނާނެކަމަށް އޭނާ ވިދާޅުވިއެެވެ.

މިބިލް ޤާނޫނަކަށް ވެގެންދާއިރު ބައެއް ބަދަލުތައް ގެންނަން ޖެހޭކަން މެންބަރުން ފާހަގަކުރެއްވިއެވެ. މިގޮތުން ކުޅުދުއްފުށީ ދެކުނުދާއިރާގެ މެންބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލު އުސްތާޒް މުޙައްމަދު ނަޝީދު ވިދާޅުވީ، ވަކީލުންނަށް ލައިސަންސް ދިނުމާއި، ހުއްދަ ދިނުމާއި، ހުއްދަ ބާތިލުކުރުމުގެ ކަންކަން ސުޕްރީމް ކޯޓުން ނުކޮށް ވަކީލުންގެ މައްޗަށް އުފެދޭ، ޤާނޫން ޤަބޫލުކުރާ ޤާނޫނީ ޖަމިއްޔާއަކާއި ހަވާލުކުރުމަށް ތާޢީދުކުރައްވާކަމަށެވެ. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ކަންކުރާނީ އެގޮތަށްކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، ރާއްޖޭގައި ހާހަކަށްވުރެ ގިނަ ވަކީލުން ތިބިއިރު އެވަކީލުންގެ ބައިވެރިވުން މި ބިލު ޤާނޫނަކަށް ހެދުމުގައި ބޭނުންވާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.

މިބިލާގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް އަލްއުސްތާޛު ޢަލީ ހުސައިނަށް ވިދާޅުވީ ރާއްޖޭގެ ކޯޓުތަކުން ވަކީލުން ސަސްބެންޑުކުރުމުގެ ކަންކަން ކުރިއަށްގެންދަނީ ކުރިއަރާފައިވާ ޤައުމުތަކުގައި އެކަންކަން ކުރާ އުސޫލުން ނޫންކަމަށާއި، ޤާނޫނީ ޚިދުމަތުގެ ބިލު ޤާނޫނަކަށް ވެގެންދާއިރު މިކަންކަމަށް ބަދަލުއައުމަކީ ޕްރޮފެޝަނަލް ކަމާއެކު މަސައްކަތް ކުރުމަށް ޤާނޫނީ ވަކީލުންނަށް ލިބިގެންދާނެ ފަސޭހަޔެއްކަމަށެވެ.

ޤާނޫނީ ވަކީލުންގެ މަސައްކަތްތައް ފާރަވެރިވެ ބެލުމަށް ބާ އެސޯސިއޭޝަންގެ ނަމުގައި މިނިވަން މުޢައްސަސާއެއް އުފެއްދުމަށް ޤާނޫނީ ޚިދުމަތުގެ ނަމުގައި ރައްޔިތުން މަޖިލީހަށް ޖުށައެޅި "ދިވެހި ރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ" ބިލަކީ ކޯޓުތަކުން ޤާނޫނީ ވަކީލުން ރެގިއުލޭޓުކޮށް އެމީހުންނާއި މެދު ފިޔަވަޅު އެޅުން ހުއްޓުމަކަށް ގެނައުމަށް ހުށަހެޅުއްވި ބިލެކެވެ. އަދި ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވެ، މިނިވަންކަމާއި އެކު ޚިދުމަތް ފޯރުކޮށްދިނުމަކީވެސް މި ބިލު މަޖިލީހަށް ހުށަހެޅުއްވި ސަބަބެއް ކަމަށް ބިލް ހުށައެޅުއްވި މެންބަރުވަނީ ވިދާޅުވެފައެވެ.