ޚަބަރު

7 ވަނަ ޤައުމީ ސިކްސާސް ކޭމްޕް ނިންމާލައިފި


މޯލްޑިވްސް ގާރލް ގައިޑްސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި 7 ވަނަ ޤައުމީ ސިކްސާސް ކޭމްޕްގެ ނިންމާލައިފިއެވެ. މިއީ އެ އެސޯސިއޭޝަނުން ކޮންމެ އަހަރަކު ބާއްވަމުންއަންނަ ހަރަކާތެކެވެ.

ލިޓްލް މެއިޑުންނަށް ޚާއްސަކޮށްގެން މިމަހުގެ 27 އިން 29 ގެ ނިޔަލަށް ހުޅުމާލޭ ޣާޒީ ސްކޫލްގައި ކުރިއަށްގެންދިޔަ މި ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެޑިއުކެޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީއެވެ. މިއަހަރުގެ ކޭމްޕްގައި ރާއްޖޭގެ އެކި ސްކޫލްތަކުން 250 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެއެވެ.

މި ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވީ މިފަދަ ކޭމްޕުތަކުން ލިބޭ ހުނަރާއި، މައުލޫމާތު ދަރިވަރުން ހެޔޮގޮތުގައި ބޭނުންކުރަންޖެހޭކަމަށެވެ. މިނިސްޓަރ ވަނީ އެހެންކަންތައްތަކުގައި މަސްއޫލުވުމަށްވުރެ ބޮޑަށް ކިޔެވުމަށް އިސްކަންދިނުމަށާއި، ދިރާސީ ކިޔެވުން ނިމި ދަރިވަރުންގެ ޗުއްޓީ ފެށޭއިރު އިތުރު ހުނަރުތައް ދަސްކުރުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގަންނަވާފައެވެ.

"
"2019 ވަނަ އހަރު ކިޔެވުން ފެށޭއިރު ދަރިވަރުންނަކީ ރަނގަޅު އިތުރު ހުނަރުތައް ދަސްކޮށްފައިވާ ބަޔަކަށް ވާންވާނެ. ތިޔަ ދަރިވަރުންނަކީ އަބަދުވެސް އެހެން މީހުންނަށް އަޅާލާ ހިތް ހެޔޮ ބަޔަކަށް ވާންވާނެ."
އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކޭމްޕްގައި ބައިވެރިވި ދަރިވަރުންނަށް ހަނދާނީ ލިޔުމާއި ބެޖް ހަވާލުކޮށްފައިވެއެވެ. އަދި ކޭމްޕް ތެރޭގައި ބޭއްވި އެކި ހަރަކާތްތަކުން ވަނަވަނައަށް އައި ދަރިވަރުންނަށް އެޑިއުކޭޝަން މިނިސްޓަރ ވަނީ އިނާމު ހަވާލުކޮށްފައެވެ.

ގާރލް ގައިޑްސް އެސޯސިއޭޝަނުން ބުނީ މި ކޭމްޕަކީ ދަރިވަރުން ކަންކަމަށް އިސްނަގައި މަސައްކަތްކުރުމަށް ބާރުއަޅައި ތަފާތު މިޒާޖުގެ ދަރިވަރުންނާއެކު އުޅެން ދަސްކޮށްދިނުމަށް ކޮންމެ އަހަރަކު ބާއްވާ ކޭމްޕެއްކަމަށެވެ. މި ކޭމްޕްގައި އެހެންމީހުންނާ މުޢާމަލާތްކުރަން ދަސްކޮށްދިނުމާއި އަނިޔާއާ ދެކޮޅަށް އަޑުއުފުލުމަށް އެހީތެރިވާނެ ގޮތްތައް ވަނީ ކިޔާދީފައެވެ.

މީގެ އިތުރުން ދަރިވަރުންގެ އުމުރަށް އެކަށީގެންވާ މިންވަރަށް މިފަދަކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާގުޅޭ މައުލޫމާތުވެސް ދީފައިވާކަމަށް ގާރލް ގައިޑްސް އެސޯސިއޭޝަނުން ބުނެއެވެ. މިއަހަރުގެ ކޭމްޕް ބާއްވާފައިވަނީ "ވޮއިސަސް އަގައިންސްޓް ވަޔަލެންސް" މި ޝިއާރުގެ ދަށުންނެވެ.