ޚަބަރު

ދާޢިމީ ގޮތެއްގައި ރާއްޖޭގައި ތިބުމުގެ ހުއްދައެއް އިންޑިއާ ސިފައިންނަކަށް ނުދެން - ސަރުކާރު


ދިވެހިރާއްޖޭގައި ދާޢިމީ ގޮތެއްގައި ތިބުމުގެ ހުއްދަ އިންޑިއާ އަސްކަރިއްޔާއަށް ދީފައިނުވާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

އިންޑިއާގެ އަސްކަރިއްޔާއަށް ދިވެހިރާއްޖޭގައި ދާއިމީ ގޮތެއްގައި ތިބުމަށް ހުއްދަ ދީފައިވާކަމަށް ދައުރުވަމުންދާ ޚަބަރުތައް ދޮގުކޮށް ފޮރިން މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ
ދިވެހިރާއްޖެއަށް ލިބޭ މާލީ ނުވަތަ އެހެނިހެން މާއްދީ ފައިދާއެއްގެ ބަދަލުގައި ދާއިމީ ގޮތެއްގައި އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގައި ތިބުމަށް، ދިވެހި ސަރުކާރުން ހުއްދަ ދިނުމަށް ރާވަމުންދާ ކަމަށް މީޑިއާގައި ދައްކަމުންދާ ވާހަކަތަކަކީ ހަޤީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

މި ވާހަކަތަކަކީ، ދިވެހިރާއްޖެއާއި އަވައްޓެރި ޤައުމުތަކާއި ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު އޮންނަ ގުޅުން އަލުން ބަދަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅުމަށް ފަތުރަމުންދާ އަސްލެއް ނެތް ވާހަކަތަކެއްކަމަށްވެސް ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައިވެއެވެ.

ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ދާނީ ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެންކަމާއި، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫ އަރާނެ ފަދަ އެއްވެސް ބައިނަލްއަޤްވާމީ ނިންމުމެއް، ނުވަތަ މަސައްކަތެއް ނުކުރާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ސަރުކާރުން ވަނީ ދެއްވާފައެވެ.

ފޮރިން މިނިސްޓްރީން މިފަދައިން ބުނެފައި މިވަނީ ހެލިކޮޕްޓަރު ބަހައްޓުމުގެ ނަމުގައި ރާއްޖޭގައި އިންޑިޔާ ސިފައިން ހަރަކާތްތެރިވާ ކަމަށާއި އެ މީހުން ރާއްޖެއިން ފޭބުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އެންގުމުންވެސް އެމީހުން ފައިބައިފައި ނުވާ ކަމަށްބުނެ ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރާއި ޙަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކާއި ރާއްޖޭގެ ބައެއް މީޑިއާތަކުގައި އެފަދަ ވާހަކައެއް ރިޕޯޓު ކޮށްފައިވާތީއެވެ.