ރާއްޖޭގެ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް ދެނެގަތުމަށް އޮޑިޓު ކުރުމަށް ތައްޔާރުކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ސްކޫލުތައް އެއް ދަންފަޅިއަށް ހެދުމަށް ކުރާ އޮޑިޓުގެ ސަބަބުން އެއް ދަންފަޅިއަށް ބަދަލުކުރަންޖެހޭ ސްކޫލުތަކުގެ ޢަދަދު ދެނެގަނެވިގެންދާނެ ކަމަށެވެ.
ރާއްޖޭގެ ހުރިހާ ސްކޫލްއެއް އެއް ދަންފަޅިއަށް ބަދަލުކޮށް އަދި ތަޢުލީމީ ފެންވަރު ރަނގަޅު ކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ މުޅި ރާއްޖެއަށް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ރިޔާސީ ވައުދެއްކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ފަސްއަހަރުދުވަހު ރާއްޖޭގެ ހުރިހާ ސްކޫލެއް އެއްދަންފަޅިއަށް ކިޔަވައިދޭގޮތަށް ހަމަޖެއްސުންކަމަށެވެ.
އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވީ އެއް ދަންފަޅިއަކަށް ސްކޫލުތައް ހެދުމުގެ ގޮތުން ސްކޫލުތައް އޮޑިޓު ކުރުމަށް ތައްޔާރު ކުރާއިރު ސްކޫލްތަކުގެ ވަސީލަތްތަކާއި ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑަށް ބަލާނެކަމަށެވެ. އަދި އެއަށް ފަހު އެ ތަޢުލީމީ ސިޔާސަތު އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް ފަށާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ސަރަޙައްދީ ޤައުމުތަކުގައި މި ކަން ކުރާ ގޮތްތައް ބަލައިގެން އޮޑިޓް ކުރުމަށް ހަމަޖެހިފައިވަނީ. އަދި މިކަމާ ގުޅުން ހުރި ތަޖްރީބާކާރުންގެ ލަފާވެސް ހޯދާނަން." އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގެ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކޮށް ސަރުކާރުން ބޭނުންވަނީ ކޮންމެ ކުއްޖަކީވެސް ވަށާޖެހޭ ތަޢުލީމެއް ލިބިފައިވާ ދަރިވަރުންތަކެއް ބިނާކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ފުރަތަމަ 60 ދުވަހުގެ ތެރޭގައި އޮޑިޓް ކުރުމަށް ތައްޔާރުވަމުންދާ ކަމަށްވެސް މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެއްދަންފަޅިއަށް ސްކޫލުތައް ހެދުމަށް ކުރާ އޮޑިޓަށްފަހު ލިބޭ މަޢޫލޫމާތުގެ ޢަލީގައި ބަދަލުކުރަން ބޭނުންވާ ސްކޫލްތަކާއި އެކަމަށް ބޭނުންވާ ބަޖެޓް ދެނެގަނެ އެއަށްފަހު މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ.