ޚަބަރު

އަންނައަހަރުން ފެށިގެން ވިސާއާ ނުލައި ދިވެހިންނަށް ޔޫއޭއީ އަށް ދަތުރުކުރެވޭނެ - ފޮރިންގ މިނިސްޓަރ


އަންނަ އަހަރުން ފެށިގެން ދިވެހިންނަށް ވިސާއާ ނުލައި ޔޫ.އޭ.އީ އަށް ދަތުރު ކުރުކުރެވޭނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާޙިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ފޮރިން މިނިސްޓަރ އަބްދުﷲ ބިން ޒަޔެދް އަލް ނަޙްޔާންއާއި ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއާ ޔޫ.އޭ.އީ އާއި ދެމެދު ވިސާގެ ކަންކަން ހަމަޖެއްސުމުގެ އެއްބަސްވުމަކާއި ހަމައަށް އާދެވިފައިވާކަމަށާއި، ދެޤައުމުގެ ދެމެދުގައި ޤާއިމްކުރެވޭ އައު ވިސާ އެގްރީމަންޓާއެކު އަންނަ އަހަރުން ފެށިގެން ވިސާއާ ނުލައި ދިވެހިންނަށް ޔޫ.އޭ.އީ އަށް ދަތުރުކުރެވޭނެކަމަށެވެ. މިއެއްބަސްވުމުގެ ދަށުން 2019 ވަނަ އަހަރުން ފެށިގެން 30 ދުވަހުގެ އޮން އެރައިވަލްވިޒާ ދިވެހިންނަށް ދޫކުރާނެއެވެ.

ޔޫ.އޭ.އީގެ ފޮރިން މިނިސްޓަރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ސިޔާސަތުތައް
މިނިސްޓަރ އަބްދުﷲ ބިން ޒަޔެދް އަލް ނަޙްޔާންއާ ހިއްސާކުރެއްވިކަމަށް މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖެއާ ޔޫއޭއީ އާއި ދެމެދު އުފެދިފައިވާ ދޭދޭ ގުޅުން ކުރިއަށް އޮތްތަނުގައި ހަރުދަނާކޮށް، ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރުމަށް މަޝްވަރާކުރެއްވިކަން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހީދު ފާހަގަކުރެއްވިއެވެ.

މިނިސްޓަރުގެ މިދަތުރުފުޅުގައި ޔޫއޭއީ ގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ވަޑައިގެން އެތަނުގެ މުވައްޒަފުންނާއިވެސް ބައްދަލުކުރައްވާފައެވެ.

ފޮރިން މިނިސްޓަރ ބުދަދުވަހު ފެއްޓެވި މިދަތުރުފުޅުގައި ޔޫ.އޭ.އީ ޚާރިޖީ ވަޒީރުގެ އިތުރުން އެޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި ދިވެހިރާއްޖެއާއި ޔޫ.އޭ.އީއާ ދެމެދު އޮތް ޒަމާންވީ އަޚްވަންތަ ގުޅުމާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެއެވެ.

ފޮރިން މިނިސްޓަރ ޔޫއޭއީ އަށް ވަޑައިގަތީ އަވައްޓެރި އިންޑިއާއަށް ވަޑައިގެން އެޤައުމުގެ އިސް ފަރާތްތަކާއި ކާމިޔާބު ބައްދަލުކުރެއްވުންތަކެއް ބޭއްވެވުމަށްފަހުގައެވެ.

ދިވެހި ޚާރިޖީ ވަޒީރުގެ މިދަތުރުފުޅުގައި އަރިހުގައި ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު، އަލްފާޟިލް އަޙްމަދު ޚަލީލް ބައިވެރިވެ ވަޑައިގަންނަވައެވެ.