އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ގދ. ތިނަދޫގައި ގާއިމްކުރުމަށް ހަމަޖައްސާފައިވާ ޑްރަގް ރިހެބިލިޓޭޝަން އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށް ތިނަދޫ ކައުންސިލުން ބުނެފިއެވެ.
ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އައްސަދު ވިދާޅުވީ ޖެންޑަރ މިނިސްޓްރީއާ ގުޅިގެން އެ ސެންޓަރުގެ ޚިދުމަތް ކުރިއަށް އޮތް 10 ދުވަސްތެރޭ ފެށޭނެ ފަދަ ގޮތަކަށް މަސައްކަތް ބައްޓަންކޮށްގެން ކުރިއަށް ގެންދަން ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން މިހާރުން މިހާރަށްވެސް އެ ޚިދުމަތް ދިނުމަށްޓަކައި އިމާރާތެއް ހަމަޖައްސައި، އެކަން މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށް އައްސަދު ވިދާޅުވިއެވެ.
"މިނިސްޓަރާ ވާހަކަ ދެކެވުނު. ސީނިއާ މެނޭޖްމަންޓުގެ ބޭފުޅަކާވެސް ވާހަކަ ދެކެވުނު. އެއީ އިއްޔެގެ ވަގުތެއްގަ. (ނޮވެމްބަރު 26 ވަނަ ދުވަހުގެ ވަގުތެއްގަ) ފޯނުން ވާހަކަ ދެކެވުނު. އެގޮތުން މިހާރުން މިހާރަށްވެސް މިނިސްޓްރީން ބޭނުންފުޅު ވެވަޑައިގަންނަވަނީ ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގަ ޚިދުމަތް ދެވޭނެ ފަދަ ގޮތަކަށް މަސައްކަތް ބައްޓަން ވެގެން ދިއުން. އެބޭފުޅުން އެދުނީ އިމާރާތަކަށް،" އައްސަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ޑިޓޮކްސް ސެންޓަރު އެޅުމަށްޓަކައި ދޫކުރަން ހަމަޖައްސާފައިވަނީ އެރަށުގެ ބާ އިންޖީނުގެ ހުރި އިމާރާތް ކަމަށެވެ. އެ އިމާރާތް މީގެ ކުރިން ބޭނުން ކުރީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އިންނެވެ. ނަމަވެސް ސިފައިންނަށް ދާދި ފަހުން އާ އިމާރާތެއް ލިބުމުގެ ސަބަބުން ސިފައިން ވަނީ އެ އިމާރާތް ދޫކޮށް އާ އިމާރާތަށް ބަދަލުވެފައެވެ.
ތިނަދޫގައި އަޅަން ނިންމާފައިވާ ޑިޓޮކްސް ސެންޓަރަށް އަންނަ އަހަރު ބަޖެޓުކޮށްފައިވަނީ އެއް މިލިއަން ރުފިޔާއެވެ. އައްސަދު ވިދާޅުވީ އާ އިމާރާތެއް އަޅައިގެން ޚިދުމަތް ދިނުމަށް އެ އަދަދަކީ އެކަށީގެންވާ އަދަދެއް ނޫން ކަމަށާއި އެހެން ކަމުން އެޅިފައި ހުރި އިމާރާތެއް ބޭނުންކޮށްގެން ޚިދުމަތް ދިނުން އެއީ މިވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ.
"އެއް މިލިއަން އަށްޑިހަ ހާސް ރުފިޔާއަކުން އަޅުގަނޑަށް ހީއެއް ނުވޭ އިމާރާތެއް ކޮށްގެން ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ޚިދުމަތް ދެވޭނެ ހެން. އެހެން ވީމާ މިހާރު ތިނަދޫގަ ހުރި އިމާރާތްތަކުގެ ތެރެއިން ކުރިން އިންޖީނުގެ ހިންގި އިމާރާތް މިކަމުގަ ބޭނުން ކުރުމަށް ކައުންސިލުން ވަނީ ނިންމައި އެކަން މިނިސްޓްރީއަށް ދަންނަވާފަ،" އައްސަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ބާ އިންޖީނުގޭ އިމާރާތުގައި ޑިޓޮކްސް ސެންޓަރުގެ ޚިދުމަތް ފެއްޓުމަށް ކުރަން ޖެހެނީ ކުޑަ މަރާމާތެކެވެ. އަދި އެތަނުގައި އެ ޚިދުމަތް ދިނުމަށް ބޭނުންވާ ޖާގަ އެބަހުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތިނަދޫގައި އެފަދަ ސެންޓަރެއް ގާއިމް ކުރެވުމުން ތިނަދޫއާއި ހުވަދު އަތޮޅުގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާ ދެވެން ފެށޭނެ އެވެ. އަދި އެއާއެކު އެފަދަ ފަރާތްތަކަށް އަލުން މުޖުތަމައުއަށް ނުކުތުމުގެ ފުރުސަތުވެސް ބޮޑުވެގެން ދާނެއެވެ. އައްސަދު ވިދާޅުވި ގޮތުގައި ތިނަދޫގައި އެކަނިވެސް ފަރުވާއަށް ބޭނުންވެފައި ތިބި 12 ވަރަކަށް މީހުން އެބަ ތިބި ކަމަށެވެ.
ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން އަޕަރ ސައުތް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު އަދި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް، ނާހިދު ހުސައިން ވިދާޅުވީ 2016 ވަނަ އަހަރު ހުވަދު އަތޮޅުގެ ރަށްތަކުން މަސްތުވާތަކެތީގެ 58 މައްސަލަ ހުށަހެޅިފައިވާއިރު، 2017 ވަނަ އަހަރު 47 މައްސަލަ އަދި 2018 ވަނަ އަހަރުގެ މިހާތަނަށް 52 މައްސަލަ ފުލުހުންނަށް ހުށަހެޅި ބަލަމުންދާ ކަމަށެވެ.
" މި ތިން އަހަރަށް ބަލާއިރު 157 މައްސަލައެއް އެބަހުރި މި ދެ އަތޮޅުން ހުށަހެޅިފަ. ދެން އަޅުގަނޑުމެން ޓާގެޓު ކުރަން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް ޓާގެޓުކޮށްގެން އޮޕަރޭޝަންތައް އެބަ ހިންގަން. އެގޮތުން މިއަހަރު ތެރޭގަ އޭގެ ވަރަށް ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގިފަ ހުންނާނެ މި ދެ އަތޮޅުގަ. މަސްތުވާތަކެތި ބޭނުންކުރާ މީހުން ހައްޔަރުކޮށް އެމީހުން ތަހުގީގު ކުރުމަކީ މީގެ ހައްލެއް ނޫން. އަޅުގަނޑުމެން ވަރަށް ބޮޑަށް ޓާގެޓުކުރަން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ޓާގެޓުކޮށްގެން މި އަތޮޅަށް މަސްތުވާތަކެތި މި އަންނަނީ ކިހިނެއްތޯ، ކޮން ރޫޓަކުންތޯ ބަލައިގެން މިކޮޅަށް އައުމުގެ ކުރިން އެ އެއްޗެހި ނެގޭނެ ގޮތާއި އަދި އެމީހުން އަތުލައިގަތުމުގެ މަސައްކަތް މިއީ. އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ޓާގެޓު ކުރާ ކަމެއް،" ނާހިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ތިނަދޫގައި ޑިޓޮސް ސެންޓަރެއް ގާއިމްކުރެވިގެން ދިއުމަކީ މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްވާން އޮތް މަގެކެވެ. އަދި އެކަމަކީ ވަރަށް މުހިއްމު އަދި އެހާމެ ބޭނުންތެރި ކަމެއް ކަމަށް ވީ ނަމަވެސް މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތަކުގައި ހައްޔަރުކުރެވޭ ފަރާތްތަކުގެ ތެރެއިން ފަރުވާ ހޯދަން ބޭނުންވަނީ ވަރަށް މަދު ބައެއް ކަމާއި، ފަރުވާ ހޯދާ ފަރާތްތަކުންވެސް ގިނަ ފަހަރު ފަރުވާ ފުރިހަމަކުރުމަށްފަހު އަލުން މުޖުތަމައަށް އައިސްވެސް އުޅެނީ އެކަމުގެ ތެރޭގައި އުޅޭ ފަރާތްތަކާ އެކުގައި ކަމަށްވުމުން އަނެއްކާވެސް މަސްތުވާތަކެތީގެ ތެރެއަށް ވަދެވުމުގެ ފުރުސަތު އޮންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވީމަ ދުވަސްކޮޅަކަށް އޭނައަށް މަސްތުވާތަކެއްޗާ ދުރަށް ދެވުނު ނަމަވެސް އޭނަގެ ރައްޓެހިންނާއި އޭނަ ކައިރީގައި އުޅޭ މީހުންގެ ސަބަބުން އަނެއްކާވެސް އޭގެ ތެރެއަށް އެބަ ވަދެވޭ. އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ ވަރަށް މަދު ބައެކޭ މީގެން ސަލާމަތް ވެގެން މިއުޅެވެނީ،" ނާހިދު ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ވަބާއަކި މުޅި ގައުމު އެކަމެއްގެ އަނދިރިކަމުގައި ހޭދަކުރަމުންދާ ނުރައްކާތެރި ވަބާއެކެވެ. މިހާރަކަށް އައިސް ސްކޫލު ދައުރުން ފެށިގެންވެސް މަސްތުވާތަކެތި ބޭނުން ކުރާ ކުޑަކުދިންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އެކަމުގައި އެންމެ ބޮޑަށް އުޅެނީ 20 އަހަރާއި 30 އަހަރާ ދެމެދުގެ އުމުރުފުރައިގެ މީހުން ކަމަށްވާއިރު، މި ނުރައްކާތެރި ވަބާއިން ކުޑަކުދިންނާއި ޒުވާނުން ސަލާމަތް ކުރަން ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ.