ޚަބަރު

ހުސްވެފައިވާ ސީއެސްސީގެ މެންބަރުކަމަށް އާމިރާ އައްޔަންކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޑޫ ސިޓީ ފޭދޫ، ކުމުންޒާނިގެ ފާތިމަތު އާމިރާ މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން، ކޮމިޝަންގެ މެންބަރު ކަމުގެ ހުވައި، ފާތިމަތު އާމިރާ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. މެންބަރު ކަމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ މިރަސްމިއްޔާތުގައި ފާތިމަތު އާމިރާއާއި ޙަވާލުކުރެއްވިއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ހުސްވެފައިވާ މެންބަރު ކަމަށް އާމިރާ ޢައްޔަން ކުރައްވާފައި މިވަނީ އެކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް މަޖިލީހުން ހުޅުވާލުމުން ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވެ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި 3 ނަމުގެ ތެރެއިން 70 މެންބަރުންގެ ވޯޓުން އާމިރާގެ ނަން ފާސްކުރުމާއި ގުޅިގެންނެވެ.

އިނގިރޭސި ވިލާތާއި، އޮސްޓްރޭލިޔާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ފާތިމަތު ޢާމިރާ އަކީ ރާއްޖޭގެ ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއްވަންދެން ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އާމިރާ ވަނީ ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން "ސީ.އެސް.އެސް.ސީގެ ޕްރިންސިޕަލްކަމާއި، އެޑިއުކޭޝަން މިނިސްޓްރީގެ މަތީފެންވަރުގެ އެކި މަޤާމްތަކެއް ފުރުއްވާފައި. އެންމެފަހުން ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނަރަލްގެ މަޤާމުގައެވެ.