ޚަބަރު

ޔޫއޭއީއާއެކު އޮތް ގުޅުން ދަމަހައްޓާނަން - ރައީސުލްޖުމްހޫރިއްޔާ


އެކުވެރި ޢަރަމި ޢިމާރާތް، ޔޫއޭއީއާއެކު ރާއްޖެއިން ޒަމާނުންސުރެ ބާއްވަމުންދިޔަ ގާތް ގުޅުން މި ސަރުކާރުންވެސް ދަމަހައްޓާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެޤައުމުގެ 47 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަޙްނިޔާގެ މެސެޖްގައެވެ.

އެކުވެރި ޢަރަބި ޢިމާރާތުގެ 47 ވަނަ ޤައުމީ ދުވަހުގެ ގޮތުގައި އެޤައުމުން ފާހަގަކުރާ، ޢީދު-އަލް-ވަޠަނީގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާވަނީ، ޔޫއޭއީގެ ރައީސް ޝެއިޚް ޚަލީފާ ބިން ޒައިދު އަލް ނަޙްޔާނަށާއި، އެ އެޤައުމުގެ ނައިބު ރައީސް ކަމާއި ބޮޑުވަޒީރު، އަދި ދުބާއީގެ ވެރިޔާގެ މަޤާމު ވެސް އަދާކުރައްވާ، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމަށާއި، އަބޫދާބީގެ ވަލީއަޙުދު، އަދި ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އޮފް ދަ ޔުނައިޓެޑް އެރެބް އެމިރޭޓްސް އަރމްޑް ފޯސަސް، ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާނަށް ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އޫއޭއީގެ އިސްވެރިންނަށް ފޮނުއްވި ތަޙްނިޔާގެ މެސެޖްގައި ދެޤައުމުގެ ޒާމާންވީ އަޚުވަންތަ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، މި ގުޅުން ކުރިއަށްއޮތް ތަނުގައިވެސް އިތުރަށް ބަދަހިވާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައިވެއެވެ. މީގެއިތުިރުން އަބޫ ދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ފަރާތުން ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށްޓަކައި ރާއްޖޭގެ ސަރުކާރާއި ދިވެހިރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެޤައުމުގެ އިސް ވެރިންނަށް ޝުކުރުއަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ރާއްޖެއާ ޔޫއޭއީއާ ދެޤައުމަކީ އިސްލާމް ދީނަށް ހުރުމަތްތެރިކޮށްހިތާ، އެއްކަހަލަ އުޞޫލުތަކެއް ގެންގުޅޭ ދެޤައުމަށްވުމަކީ ދެޤައުމުގެ ދެމެދުގައިވާ ގުޅުމަށް ލިބިފައިވާ އިތުރު ބަދަހިކަމެއްކަމަށާއި، މި ވެރިކަމުގައިވެސް ދެޤައުމުގެ ގުޅުން މިގޮތުގައި ދެމެހެއްޓުމަށާއި، ވިޔަފާރިއާއި، އިޤްތިޞާދާއި، އިޖްތިމާޢީ އަދި ސަޤާފީ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމުގެ ޝައުގުވެރިކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާޅުކުރައްވާފައިވެއެވެ.

ޔޫއޭއީގެ ޤައުމީ ދުވަސް ނުވަތަ ޢީދު-އަލް-ވަޠަނީގެ ގޮތުގައި ފާހަގަކުރަނީ އެޤައުމުގެ 7 ސަރަޙައްދު އެއްކޮށްލައިގެން މައި ވެރިކަމެއް އުފެދުނު ދުވަހެވެ.