ޚަބަރު

ނެޝަނަލް އެމްބިއުލަންސްގެ ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށަނީ


ރާއްޖޭގެ ސިއްޙީ ނިޒާމް ފުޅާކުރުމުގެ ގޮތުން ނެޝަނަލް އެމްބިއުލަންސްގެ ޚިދުމަތް ޤާއިމް ކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށާނެކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އައްޑޫ ސިޓީއަށް ކުރައްވަމުންގެންދާ ދަތުރުފުޅުގައި އެ ސިޓީގެ ހުޅުމީދު ހެލްތް ސެންޓަރަށް ޒިޔާރަތްކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިނިސްޓަރ ވަނީ މީގެ ކުރިންވެސް ސަރުކާރުން މި ޚިދުމަތް ޤާއިމްކުރުމަށް މަސައްކަތްކުރަމުންދާކަން ހާމަކުރައްވާފައެވެ.

އެގޮތުން ސަރުކާރުގެ ފުރަތަމަ 100 ދުވަހު ހާސިލްކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދެއްވާނެކަމަށެވެ. އަދި ނެޝަނަލް އެމްބިއުލަންސްގެ ޚިދުމަތާއެކު އިމަރޖެންސީ ކެއަރގެ ވަރުގަދަ ނިޒާމެއް މުޅި ރާއްޖޭގައި ޤާއިމްކުރައްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ނެޝަނަލް އެމްބިއުލަންސްގެ ޚިދުމަތަކީ އެއް ނަމްބަރަކަށް ގުޅާލުމުން ރައްޔިތުން ބޭނުންވާ އެމްބިއުލަންސްގެ ޚިދުމަތް ބަރާބަރަށް ލިބޭނެ ޚިދުމަތެއް. އަދި ކުއްލި ފަރުވާ ދެވޭނެ ފުރިހަމަ ރަނގަޅު ނިޒާމެއް ރާއްޖޭގައި ޤާއިމްކުރެވިގެންދާނެ." ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.

ރަށްރަށުގެ ޞިއްޙީ ނިޒާމުގެ ތެރެއިން މިވަގުތަށް އެންމެބޮޑު އިސްކަމެއް ދޭންޖެހޭ
އިމަޖެންސީ ކެއަރ އަދި އެމްބިއުލޭޓަރީ ޚިދުމަތުގެ މަސައްކަތް ރައްޔިތުންނާއި ގާތުން ދެވޭނެ އިންތިޒާމެއް ޤާއިމުކޮށް ހުރިހާ ރަށަކަށް އެމްބިއުލަންސް ހަމަކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100ކަ ދުވަހު ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެތެރޭގައި ހިމެނޭކަމެކެވެ.