އޮސްޓްރޭލިއާގެ މަޝްހޫރު ގްލޯރިއާ ޖީންސްގެ އިތުރު އައުޓްލެޓްތައް ރާއްޖޭގެ 2 ހިސާބެއްގައި ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް، ރާއްޖޭގައި ގްލޯރިއާ ޖީންސްގެ އައުޓްލެޓްތައް ހިންގާ ބްރޫ އެންޑް ފީސްޓް ކުންފުނިން ބުނެފިއެވެ.
ބްރޫ އެންޑް ފީސްޓް ކުންފުނިން މިކަން ހާމަކުރީ، ގްލޯރިއާ ޖީންސްއިން ރާއްޖޭގައި ހުޅުވި 3 ވަނަ ކޮފީ ޝޮޕް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
ގްލޯރިއާ ޖީންސްގެ 3 ވަނަ އައުޓްލެޓް ހުޅުވާފައިވަނީ އަމީރް އަހުމަދު މަގުން، ވެލާނާގޭ ކުރިމަތީގައެވެ. މިތަން ހުޅުވައިދެއްވީ މަޝްހޫރު ލަވަކިޔުންތެރިޔާ މެޒޯ މުޙައްމަދު މާޖިދެވެ.
ގްލޯރިއާ ޖީންސްގެ 3 ވަނަ އައުޓްލެޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، ގްލޯރިއާ ޖީންސް ރާއްޖޭގައި ހިންގާ ބްރޫ އެންޑް ފީސްޓްގެ ޑިރެކްޓަރ ޢަލީ ހާޝިމް ވިދާޅުވީ ކުރިއަށް އޮތް 2 މަސް ދުވަހުގެ ތެރޭގައި ގްލޯރިއާ ޖީންސްގެ 4 ވަނަ އައުޓްލެޓެއް ހުޅުމާލޭގައި ހުޅުވުމަށް ތައްޔާރުވަމުންދާކަމަށެވެ. އަދި އަންނަ އަހަރުގެ މެދުތެރޭގައި އައްޑޫގައިވެސް އެ ބްރޭންޑްގެ ކޮފީ އައުޓްލެޓެއް ހުޅުވަން މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ޢަލީ ހާޝިމް ވިދާޅުވިއެވެ.
"މިއީ ދުނިޔޭގައި ވަރަށް މަޝްހޫރު ފްރެންޗައިޒް ބްރޭންޑަކަށް ވެފައި މިހާރު ދިވެހިންގެ ވަރަށް ގިނަ ބަޔަކަށް މި ކަމުގޮސްފައިވަނީ. ޑްރިންކްސް ،ކޮފީ އަދި އަޅުގަނޑުމެން އަލަށް ތަޢާރަފްކުރާ ޗިލާރ ޑްރިންކްސް އަކީވެސް ދިވެހިންގެ ތެރޭގައި ވަރަށް މަޤްބޫލު ޑްރިންކްސް" ޢަލީ ހާޝިމް ވިދާޅުވިއެވެ.
ގްލޯރިއާގެ 3 ވަނަ އައުޓްލެޓް ވެލާނާގެ ކުރިމަތީގައި ހުޅުވިއިރު މި އައުޓްލެޓަކީ ޒުވާނުންނާއި ސަރުކާރު އޮފީސްތަކަށް ދާ ފަރާތްތަކަށް ޚާއްސަކޮށްފައިވާ އައުޓްލެޓެއް ކަމަށް ގްލޯރިއާ ޖީންސްއިން މައުލޫމާތުދެއެވެ.
މި އައުޓްލެޓްގެ މެނޫގައި ގިނަ އައު ކެއުންތައް ހިމަނާފައިވެއެވެ. އަދި އެހެން އައުޓްލެޓްތަކުން މިހާރުވެސް ލިބެމުން އަންނަ ހުރިހާ ބުއިމެއް މި އައުޓްލެޓްގައިވެސް ލިބެން ހުންނާނެއެވެ.
ގްލޯރިއާ ޖީންސްއަކީ އޮސްޓްރޭލިއާއަށް ނިޞްބަތްވާ، ކޮފީގެ ދުނިޔޭގައި ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކޮށްލެވޭ ބްރޭންޑެކެވެ. ދުނިޔޭގެ ފަންސާހަށްވުރެ ގިނަ ޤައުމެއްގައި މި ބްރޭންޑްގެ ފްރެންޗައިޒްތައް ހުރެއެވެ.
ރާއްޖޭގައި ގްލޯރިއާ ޖީންސްގެ އައުޓްލެޓެއް ފުރަތަމަ ހުޅުވާފައިވަނީ ރަސްފަންނު ޕެވީލިއަންގައި މި އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ. އަދި އޭގެ ފަހުން ޖުލައިމަހު ވެލާނަ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާޗަރ ޓަރމިނަލްގައިވެސް ގްލޯރިއާ ޖީންސްގެ އައުޓްލެޓެއް ވަނީ ހުޅުވާފައެވެ.