ވިޔަފާރި

އިންޓަރނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާރކެޓް 2019 ލޯންޗުކޮށްފި


އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާރކެޓްގައި ބޭރުގެ 50 އަށްވުރެ ގިނަ ޓުއަރ އޮޕަރޭޓަރުން ބައިވެރިވާނެކަމަށް މިހަރަކާތް އިންތިޒާމް ކުރާ އައި.އެމް.ޓީ.އެމް ޕްރައިވެޓް ލިމިޑެޓުން ބުނެފިއެވެ.

އައިއެމްޓީއެމް 2019 މިއަދު ލޯންޗުކޮށްފައިވާއިރު، މިއަންނަ އަހަރުގެ ފެއަރގައި، ފަތުރުވެރިކަމުގެ އެކި ގިންތީގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް، އެފަރާތްތަކުގެ އަމިއްލަ ހިދުމަތްތަކާއި އުފެއްދުންތައް އިޝްތިހާރުކުރުމަށް ފުރުސަތު ފަހިކޮށްދޭނެކަމަށް އައި.އެމް.ޓީ.އެމް ޕްރައިވެޓް ލިމިޑެޓުން ބުނެއެވެ.

މާގިރި ހޮޓެލްގައި އޮތް ރަސްމިއްޔާތެއްގައި އިންޓަރނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާރކެޓް، އައި.އެމް.ޓީ.އެމް 2019 ރަސްމީކޮށް ލޯންޗުކޮށްދެއްވީ ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޑރ. ނައުޝާދު މުހައްމަދުއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ރާއްޖެ އިޝްތިހާރުކުރުމަށް ބާއްވާ މިފެއަރއަކީ އަމިއްލަ ކުންފުންޏެއްކަމަށްވާ އައި.އެމް.ޓީ.އެމް ޕްރައިވެޓް ލިމިޓަޑުން އިންތިޒާމްކޮށްގެން ބާއްވާ ފެއަރއެކެވެ.

އައި.އެމް.ޓީ.އެމްއިން ބުނީ މިއީ ވީހާވެސް ހެޔޮ އަގެއްގައި ރާއްޖޭގައި ހަރަކާތްތެރިވާ ރިޒޯޓު، ގެސްޓް ހައުސް، ޓުއަރ އޮޕަރޭޓާޒް، ޓްރެވަލް އެޖެންޓުން، ސަފާރީ އުޅަނދުތަކާއި ފަތުރުވެރިކަމާބެހޭ އެހެނިހެން ފަރާތްތަކަށް ބޭރުގެ ފަރާތްތަކާއެކު އެއްތަނަކުން ދިމާވެ، ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށް ފުރުސަތު ފަހިކޮށްދިނުމަށް ކުރިޔަށް ގެންދާ ފެއަރއެކެވެ.

ފެއަރ ލޯންޗުކުރި ރަސްމިއްޔާތަށް ފަހު ޕީއެސްއެމް ނިއުސްއަށް މައުލޫމަތުދެއްވަމުން، އައި.އެމް.ޓީ.އެމްގެ މެނޭޖިން ޑިރެކްޓަރ ހައްވާ ޝިއުނާ ހާލިދު ވިދާޅުވީ މިފެއަރގައި ފަތުރުވެރިކަމުގެ އެކި ގިންތީގެ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް އަމިއްލަ ހިދުމަތްތަކާއި އުފެއްދުންތައް އިޝްތިހާރުކުރުމަށް ފުރުޞަތު ފަހިކޮށްދޭނަންކަމަށް އިންތިޒާމް ކުރާ ފަރާތުން ބުންޏެވެ.

"މިދިޔަ ފަހަރު ސްޓޯލް އޮތީ އަދާރަން ސެލެކްޓް ހުދުރަން ފުށީގައި. މިފަހަރު އެއާ ޚިލާފަށް އެޗްޑީސީން މިހަރަކާތް ހޮސްޓް ކުރަނީ. މިގޮތުން މިދިޔަ އަހަރާއި ޚިލާފަށް މިފަހަރު ތަފާތު ދެ ހޯލެއްގައި ހަރަކާތްތައް ކުރިއަށް ގެންދާނެ. އެއީ ފަތުރުވެރިކަމާބެހޭ ލަގްޒަރީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އެއް ހޯލް. އަދި އެހެން ގިންތީގެ މާރކެޓްތަކަށް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ވަކި ހޯލެއް. އަޅުގަނޑުމެން މިދަނީ ބޭރު ޤައުމުތަކުގައިވެސް އައިއެމްޓީއެމް އިޝްތިހާރު ކުރަން މަސައްކަތް ކުރަމުން. މިގޮތުން މިހާރުވެސް 80 ޓުއަރި އޮޕަރޭޓަރުންނާ ބައްދަލްކޮށްފިން. އޭގެ ތެރެއިން 50 ފަރާތަކުން މިއަންނަ އަހަރުގެ ފެއަރއަށް އައުމަށް ކޮމިޓްމަންޓް ދީފައިވަނީ." ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ މިދިޔަ އަހަރުގެ ފެއަރގައި ބައިވެރިވި ރާއްޖޭގެ ފަރާތްތަކުގެ ތެރެއިން 70 އިންސަތަ ކުންފުނިތަކުން މިއަންނަ އަހަރުގެ ފެއަރގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކޯށްފައިވާކަމަށެވެ. މިފެއަރގައި ބައިވެރިވުމުގެ ފުރުސަތު މިއަންނަ މޭމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ފެއަރގައި ބައިވެރިވާ ކޮންމެ މީހަކަށް 250 ޑޮލަރު ނަގާނެކަމަށް އައިއެމްޓީއެމްއިން ބުނެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ރާއްޖެއާއި ރާއްޖެއިން ބޭރު ޤައުމުތަކުގެ ކުންފުނިތަކުން ވިޔަފާރީގެ މަޝްވަރާތައް ކުރުމަށް ފުރުސަތު ދިނުމަށް ބާއްވާ މިފެއަރގައި ރާއްޖޭގެ ޓުއަރިޒަމް މިނިސްޓްރީ، އެމް.އެމް.ޕީ.އާރު.ސީ އަދި ޓުއަރިޒަމް ދާއިރާއާ ގުޅުން ހުރި އެކި އެންޖީއޯތަކުން އެއްބާރުލުންދޭކަމަށް އައިއެމްޓީއެމް ބުނެއެވެ.