މަސްވެރިކަމުގެ ދާއިރާއިން މިއަހަރު ފާހަގަކޮށްލެވޭ 5 ފަރާތަކަށް އެވޯޑު ދީފިއެވެ.
ގއ.ގެމަނަފުށީގައި މިރޭ ބޭއްވި މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި މި އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ.
މި އެވޯޑުތައް ދީފައިވަނީ 4 ދާއިރާއަކުންނެވެ. އެއީ ގއ. އަތޮޅުގެ އެންމެ ޒުވާން ކެޔޮޅުގެ އެވޯޑާއި އެ އަތޮޅުގަ ހުރި އެންމެ ތަޖުރިބާކާރު ކެޔޮޅަށް ދިން އެވޯޑާއި، މަސްވެރިކަން ތަރައްޤީކޮށް އެކި ގޮތް ގޮތުން ޚިދުމަތްކޮށްދެއްވި ފަރާތްތަކަށް ދޭ އެވޯޑާއި މަސްވެރިކަމުގެ ތަފާސް ހިސާބުތައް ގަވާއިދުން ދުވަހުން ދުވަހަށް ފިޝަރީސް މިނިސްޓްރީއަށް ފޮނުވި ދޯނިތަކަށް ދޭ އެވޯޑެވެ.
އެގޮތުން ގއ. އަތޮޅުގެ އެންމެ ޒުވާން ކެޔޮޅުގެ އެވޯޑި ލިބުނީ ގެމަނަފުށީ، ލިލީގެ އުމުރުން 31 އަހަރުގެ ޢަލީ އަކްބަރަށެވެ. އޭނާ އަކީ އުމުރުން 19 އަހަރުން ފެށިގެން މަސްވެރިކަމުގައި އުޅެން ފެށި ޒުވާނެކެވެ. އެ އަތޮޅުގެ އެންމެ ތަޖުރިބާކާރު ކެޔޮޅުގެ އެވޯޑު ލިބުނީ ގއ. ދެއްވަދޫ، އޯކިޑުމާގެ، އުމުރުން 61 އަހަރުގެ މުހައްމަދު ނިޒާރަށެވެ. އުމުރުން 12 އަހަރުގައި ނިޒާރު މަސްވެރިކަމަށް ނުކުތް އިރު، ދާއިރާގައި 39 އަހަރުގެ ތަޖުރިބާ އޭނާ ވަނީ ހޯދާފައެވެ.
މަސްވެރިކަން ތަރައްގީކޮށް ކުރިއެރުވުމުގައި އެކި ގޮތް ގޮތުން ޚިދުމަތްކޮށްދެއްވި ފަރާތުގެ އެވޯޑު ލިބިފައިވަނީ ގއ. ގެމަނަފުށީ ސްކޫލަށެވެ. އެ ސްކޫލަށް މި އެވޯޑް ދީފައިވަނީ 2017 ވަނަ އަހަރުގެ ކެމްބްރިޖް އޯލެވެލްގެ މެރިން ސައިންސް މާއްދާއިން މުޅި ރާއްޖެއިން އެންމެ މަތީ ފާސް ހޯދާފައިވަނީ އެސްކޫލުގެ ދަރިވަރުން ކަމަށްވާތީއެވެ.
މަސްވެރިކަމުގެ ތަފާސް ހިސާބު ގަވާއިދުން ފިޝަރީސް މިނިސްޓްރީއަށް ފޮނުވި ފަރާތްތަކަށް ދޭ އެވޯޑު ދެ ފަރާތަކުން ވަނީ ހާސިލްކޮށްފައެވެ. އެއީ ދ. މީދޫ "އަލިމާ 6" ދޯނީގެ ވެރިފަރާތްކަމުގައިވާ އިބްރާހިމް ޢަލީ އާއި ތ. ވިލުފުށީ "ސީ ކިންގް" ދޯނީގެ ވެރިފަރާތްކަމުގައިވާ ޤާސިމް އާދަމެވެ.
މީގެ އިތުރުން މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި ލިބުނު ކުރު މުއްދަތުގައި ރަށް ޒީނަތްތެރިކޮށް ހުރިހާ އިންތިޒާމެއް ހަމަޖެއްސެވިކަމަށްޓަކައި ފިޝަރީސް މިނިސްޓްރީން ވަނީ ގއ. ގެމަނަފުށީ ރަށު ކައުންސިލަށާއި ރައްޔިތުންނަށް ހަނދާނީ ފިލައެއްވެސް އަރުވާފައެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ޞާލިހު ވަނީ މަސްވެރިންނަށް އުންމީދުތަކެއް އާކޮށްދީފައެވެ. އަދި ގއ. ގެމަނަފުށްޓަށް ސަރުކާރުން ގެންނަން ހަމަޖައްސަވާފައިވާ ތަރައްޤީގެ މަޝްރޫއުތަކާ ގުޅޭ ގޮތުންވެސް ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އެރަށުގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށާއި، އެއަށްފަހު ރަށުގެ މަގު ހެދުމުގެ މަޝްރޫއުވެސް ކުރިއަށް ގެންދަވާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާއަށްފަހު ރައީސް ވަނީ އެރަށުގެ މަސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ.
މި ޖަލްސާގައި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެކި ފަރާތްތަކާއި ވަޒީރުންނާއި ބައެއް ދައުލަތުގެ ބައެއް އިއްޒަތްތެރިންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.