ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާގައި އަމަލީ ގޮތުން މަސައްކަތް ކުރުމުގެ ފުރުސަތުދީ ތަމްރީންކޮށްދިނުމަށް ވަން އެން އޮންލީ ރީތިރަށުން ކުރިޔަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
2010 ވަނަ އަހަރުން ފެށިގެން ވަން އެން އޮންލީ ރީތިރަށް ރިޒޯޓުންދަނީ ކޮންމެ އަހަރަކުވެސް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކޮށް، ތަމްރީން ލިބުމުގެ ޝައުޤުވެރިކަން ހުންނަ ޒުވާނުންނަން ހާއްސަކޮށްގެން، މަސައްކަތުގެ ހުނަރު ދަސްކޮށްދޭ، އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ކުރިޔަށް ގެންދަމުންނެވެ.
އެރިޒޯޓުގެ ލާރނިން އެންޑް ޑިވެލޮޕްމަންޓް މެނޭޖަރ ކިމް ޕިންކް ބުނިގޮތުގައި މިއީ އޭލެވެލް އިމްތިހާން ފުރިހަމަކޮށްފައިވާ ކުދިންގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަން ބޭނުންވާ ކުދިންނަށް ހާއްސަކޮށް ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ. އަދި އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މިތަމްރީންގެ ތެރެއިން ބައިވެރިންނަށް ރިޒޯޓުގެ އެކި ހިދުމްތަތައް ފޯރުކޮށްދިނުމުގެ ހުނަރު ދަސްކޮށްދޭނެ ކަމަށް އޭނާ ފާހަގަކުރިއެވެ. މިގޮތުން މިތަމްރީންގެ ތެރެއިން ހައުސް ކީޕިން، ފްރޮންޓް އޮފިސް، ރެސްޓޯރެންޓް، ކިޗަން ސާރވިސް، ޑައިވިން، ވޯޓަރ ސްޕޯޓްސްގެ ދާއިރާގައި ބައިވެރިންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މިޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް މިކަމަށް ޝައުގުވެރިކަން ފާޅުކޮށް، ސީވީ ހުށަހެޅުމަށް ފުރުސަތުދިނުމުގެ ގޮތުން ހަރަކާތެއް ހޮނިހިރުދުވަހު ޗަންޕާ ސެންޓްރަލް ހޮޓެލްގައި ހެދުނު ދިހައަކުން ފެށިގެން މެންދުރު ތިނެއް ޖެހުމާއި ހަމަޔަށް ދާނެއެވެ. ޕްރޮގްރާމްގައި ބައިވެރިވުމަށް ވަން އެން އޮންލީ ރީތިރަށް ރިޒޯޓަށް އޮންލައިންކޮށްވެސް ސީވީ ފޮނުވޭނެއެވެ. އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ޝަރުތަކީ އޭލެވެލް ނިންމާފައިވުމާއި އަށާރަ އަހަރުވެފައިވުމެވެ. މިޕްރޮގްރާމް މީގެ ކުރިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ގިނަ ޒުވާނުން ދަނީ ވަން އެން އޮންލީ ރީތިރަށުގެ އިތުރުން އެހެން ރިޒޯޓުގައިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
ވަން އެން އޮންލީ ރީތިރަށް ރިޒޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިޔަށްދާގޮތަށް ބަލާއިރު، ފުރަތަމަ ދެ ހަފްތާގައި ބައިވެރިންނަށް ރިޒޯޓުގެ އެކި ދާއިރާތަކާގުޅޭ ތިއަރީ ތަމްރީން ކްލާސްތައް ނަގާދެއެވެ. އެއަށްފަހު ހަ މަސް ވަންދެން ރިޒޯޓުގެ ހުރިހާ ޑިޕާޓްމަންޓެއްގައި ބައިވެރިންނަށް އަމަލީ ތަމްރީން ދިނުމަށް މަސައްކަތް ކުރުވައެވެ. މިމުއްދަތަށްފަހު ބައިވެރިން މަސައްކަތް ކުރަންބޭނުންވާ ތިން ޑިޕާޓްމަންޓެއް އިހްތިޔާރުކޮށް ތިން މަސް އެތަންތަނުގައި މަސައްކަތް ކުރުމަށް ފުރުސަތުދެއެވެ. އަދި ޕްރޮގްރާމްގެ ބާކީ ދުވަސްތަކުގައި ވަކި އެއް ޑިޕާޓްމަންޓެއް އިހްތިޔާރުކޮށް، އެދާއިރާއަކުން ސްޕެޝަލައިޒް ވުމަށް ފުރުސަތު ދެއެވެ.
ވަން އެންޑް އޮންލީ ރީތިރަށް ރިޒޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ތެރެއިން މަސައްކަތުގެ ފެންވަރު ރަގަނޅު ބައިވެރިންނަށް ރިޒޯޓުން ދާއިމީ ވަޒީފާގެ ފުރުސަތުވެސް ފަހިކޮށްދެއެވެ.