މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަނިޔާ ލިބޭ ފުރަތަމަ ބަޔަކަށްވާން ދިވެހިން ތައްޔާރު ނޫންކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޕޮލެންޑްގައި ކުރިއަށްދާ ދުނިޔޭގެ މޫސުމާ ބެހޭ ކޮންފަރެންސް، ކޮޕް-24 ގައި ތަޤްރީރުކުރައްވަމުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިން ތިބީ މަރުވާން ތައްޔާރަށް ނޫން ކަމަށްވިދާޅުވެ، ކުދި ޤައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ އޮތް މިންވަރު ދުނިޔޭގެ ސަމާލުކަމަށް ގެންނަވައިފިއެވެ. ކުދިޤައުމުތަކަށް މިކަމުން އޮތް ނުރައްކާ ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ފުރަތަމަ އަނިޔާ ލިބޭ ބަޔަކަށް ވާން ދިވެހިން ބޭނުންނުވާ ކަމަށެވެ. އެހެންކަމުން ދިވެހިންނަށް ލިބިފައިވާ ހުރިހާ ބާރެއްގެ ބޭނުންކޮށްގެންވެސް ބަލާނީ ފެނުން މަތީގައި ތިބެވޭތޯ ކަމަށާއި، މިމަސައްކަތުގައި މުޅި ދުނިޔެއިންވެސް ބައިވެރިވާންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖޭގެ ޤައުމީ ސަލާމަތާ ގުޅިފައިވާކަމެއް ކަމަށާއި، މިއީ ރާއްޖެ ދެމިއޮތުމަށްވެސް އޮތް ބޮޑު ނުރައްކަލެއްކަމަށެވެ. މިބައްދަލުވުމުގެ ހަވާސާގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮޕް-24 ގައި ބައިވެރިވާ ކުދި ޤައުމުތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވާފައެވެ.
ކޮންފަރެންސް އޮފް ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް، ކޮޕް-24 ގައި ނަޝީދު ބައިވެރިވެވަޑައިގެންފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ މަންދޫބެއްގެ ގޮތުގައެވެ.
ރައީސް ނަޝީދަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޤައުމުތަކަށް ކުރާ އަސަރު ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.