ޚަބަރު

ރާއްޖެއިން އިންޑިއާއާއެކު މުހިންމު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި


ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރާއެކު މުހިންމު ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއި ކުރީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް އިންޑިޔާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖެއިންވަނީ އިންޑިއާއާ ދެމެދު މުހިންމު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއެއްބަސްވުންތަކުގައި ސޮއިކުރީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބޭއްވި ދެޤައުމުގެ އިސްވެރިންގެ ރަސްމީ މަޝްވަރާ ތަކަށްފަހުއެވެ.

ދެ ގައުމުން ސޮއިކުރި މުހިންމު އެއްބަސްވުންތަކުގެ ތެރޭގައި ވިސާގެ މައްސަލަތަކުގައި ލުއި ދިނުމާ ގުޅޭ އެއްބަސްވުމާއި، ސަގާފީ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމާއި، ދަނޑުވެރިކަމާއި ގުޅުންހުރި ދާއިރާތަކުން ގުޅުންބަދަހި ކުރުމުގެ އެއްބަސްވުމެއްގެ އިތުރުން އައިސީޓީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއްގައިވަނީ ސޮއި ކޮށްފައެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރީ ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުންތައް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިރަސްމިއްޔާތުގައި ދެ ގައުމުގެ ލީޑަރުން ވަނީ ގުޅިފައިވާ ބަޔާނެއް ވެސް ދެއްވާފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް އިންޑިއާއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.