ޚަބަރު

ނަސަންދުރަ އެއްބަސްވުން ސައްހަކަމަށް އޭޖީ އޮފީހުން ލަފާދީފައިވޭ - އޭސީސީ


އަމިއްލަ ފަރާތަކަށް 50 އަހަރުދުވަހަށް ކުށްޔަށްދީފައިވާ ނަސަންދުރަ ޕެލަސް ހޮޓެލް ކުށްޔަށް ދިނުމުގެ އެއްބަސްވުން ދެމެހެއްޓުމަށާއި، އެއީ ޞައްޙަ އެއްބަސްވުމެއްކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ޓޫރިޒަމް މިނިސްޓްރީއަށް ލާފާދީފައިވާކަމަށް އޭސީސީން ހާމަކޮށްފިއެވެ.

އެކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ ޤާނޫނާ ޚިލާފަށް އެމްއެމްޕީއާރްސީން ނަސަންދުރަ ޕެލަސް ހޮޓެލް ކުއްޔަށް ދީފައިވާކަމަށް ބުނާ މައްސަލަ އަލުން ތަހުގީގުކުރަންފަށާފައިވާކަން ހާމަކޮށް ނެރުނު ބަޔާނެއްގައެވެ.

އެބަޔާނުގައި ބުނެފައިވަނީ މި މައްސަލަ ކުރިން ޕީޖީއަށް ފޮނުވުމުން އެ އޮފީހުން ދިރާސާ ކުރުމަށްފަހު އެމްއެމްޕީއާރުސީ މެދުވެރިކޮށް 50 އަހަރު ދުވަހުގެ މުއްދަތަށް އަމިއްލަ ކުންފުންޏަކަށް ނަސަންދުރަ ކުއްޔަށް ދިނުމަށް ހަދާފައިވާ އެއްބަސްވުން ދެމެހެއްޓުމަށާއި، އެ އެއްބަސްވުމަކީ ސައްޙަ އެއްބަސްވުމެއް ކަމަށާ، އެއްބަސްވުމުގެ ދަށުން ނަސަންދުރަ ކުއްޔަށް ދޫކޮށްފައިވަނީ ޓޫރިޒަމްގެ ޤާނޫނާ ޚިލާފަށް ނޫންކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ޓޫރިޒަމް މިނިސްޓްރީއަށް ލާފާދީފައިވާކަމަށެވެ.

އަދި ނަސަންދުރަ ކުއްޔަށް ދިނުމުގައި ސީއެސްއާރު ކޮމްޕޮނެންޓް ހިމެނުމުގެ އިތުރުން، އެއްބަސްވުމުގައި ސޮއި ކުރިއިރު ލީސް އެކުއިޒިޝަން ކޮސްޓް ނަގަންޖެހޭކަން ބަޔާންކޮށްދޭ އެއްވެސް ޤާނޫނެއް، ޤަވާއިދެއް ނުވަތަ އުސޫލެއް އޮތްކަން ތަހުގީގަށް އެނގެން ނެތުމުން އެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްޗައް ދައުވާކުރެވޭނެ އަސާސެއް ނެތްކަމަށް ބުނެ ޕީޖީން މިމައްސަލަ އަނބުރާ ފޮނުވާލާފައިވާކަމަށްވެސް އޭސީސީގެ ބަޔާނުގައި ހާމަކޮށްފައިވޭ. އެހެންނަމަވެސް އެސީސީން މިމައްސަލަ އަލުން ދިރާސާކުރަން ފަށާފައިވާ ކަމަށް އެކޮމިޝަނުގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.

ނަސަންދުރަ އާ އެގްރިމެންޓުގެ ދަށުން ކުއްޔަށްދޫކޮށްފައިވާ ކުންފުންޏަށް 50 އަހަރުގެ މުއްދަތަށް ދިނުމަށް އޭރުގެ ޓޫރިޒަމް މިނިސްޓަރަށް ފެންނަ ކަމަށާއި، އެކަމުގައި އޭރުގެ ރައީސްގެ ލަފާފުޅަކަށް އެދޭކަމަށް ބަޔާންކޮށް އެމިނިސްޓްރީ ރައީސް އޮފީހަށް ސިޓީ ފޮނުވާފައިވާކަން އެނގެން އޮންނަކަމަށް އޭސީސީން ބުނެއެވެ.

މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީއާއި އެމް.އެމް.ޕީ.އާރުސީއާ ދެމެދު، މިހާރު ނަސަންދުރަ ޕެލަސް ހޮޓެލް ހިންގަމުން އަންނަ ބިމާއި އިންވެގެން އޮތް 26 ނަންބަރު ކޮށީގާއި އޮތް ބިން ހިމެނޭގޮތަށް، ނަސަންދުރަ ޕެލަސް ހޮޓެލް ރީޑިވެލޮޕްކޮށް، އެތަން މަތީ ފެންވަރުގެ ހޮޓަލަކަށް ހެދުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، ނަސަންދުރަ ޕެލަސް ހޮޓެލް ރީޑިވެލޮޕްކޮށް ހިންގުމަށް އެމްއެމްޕީއާރުސީ އާ ހަވާލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފަށް އިޢުލާން ކުރުމަކާ ނުލައިކަން ފާހަގަކުރެވޭކަމަށް އޭސީސީން ބުނެއެވެ.

ނަސަންދުރަ ޕެލަސް ހޮޓެލް ތަރައްގީކޮށް ހިންގުމަށް ޓޫރިޒަމް މިނިސްޓްރީން އެމްއެމްޕީއާރުސީއާ ހަވާލުކުރިއިރު، އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެއްވެސް ފައިސާއެއް އެމްއެމްޕީއާރުސީން ނަގާފައިނުވާތީ، މި މައްސަލައިގާ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނުނުގެ 12 ވަނަ މާއްދާގައި ބުނާ ފަދަ ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާކަން ސާބިތުވާ މިންވަރަށް ހެއްކާއި ގަރީނާ ހުރުމުން، އޭރުގެ ޓޫރިޒަމް މިނިސްޓަރުގެ މައްޗަށް ދައުވާކުރުމަށް 6 މާރޗް 2018 ގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި ކަމަށްވެސް އޭސީސީން ބުނެއެވެ.

ނަސަންދުރަ ޕެލަސް ހޮޓެލް ހިންގުމަށް ޕްރައިވެޓް ކުންފުންޏަކާއިއެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ބަދަލުގައި، ކުއްޔަށްދީފައިވާ މުއްދަތު އިތުރުކުރުމަށް ފީނެގުމާބެހޭ ގަވާއިދުގެ 11 ވަނަ މާއްދާއާ އެއްގޮތަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރިނަމަ ދައުލަތަށް 4.8 މިލިއަން ޑޮލަރު ނުވަތަ 74 މިލިއަން ރުފިޔާ ލިބޭނެކަމަށް އޭސީސީން ބުނެއެވެ. އަދި އެމްއެމްޕީއާރްސީން، އެކުންފުނިން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެއްވެސް ފައިސާއެއް ނަގާފައިނުވާއިރު އެކަމުގެ ސަބަބުން ދައުލަތަށް 800,000.00 (އަށްސަތޭކަ ހާސް) ޑޮލަރު ގެއްލުންވެފައިވާކަން އެނގޭ ކަމަށް އޭސީސީން ބުނެއެވެ.