ޚަބަރު

ހައްޖު ކޯޕަރޭޝަން ރަސްމީކޮށް އިފްތިތާހްކޮށްފި


ކުރިޔަށް އޮތް އަހަރުތަކުގައި ދިވެހިންނަށް ޙައްޖަށް ދިއުމުގެ އަގު ވަރަށް ބޮޑުތަން ކުޑަ ވެގެންދާނެ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ. މުޙައްމަދު ޝަޙީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.މިނިސްޓަރ މިހެން ވިދާޅުވީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކުރުމަށް ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ރަސްމީކޮށް އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ. މުޙައްމަދު ޝަޙީމް އަލީ ސަޢީދު ވިދާޅުވީ، ޙައްޖު ކޯޕަރޭޝަނަށް މިއަދާ ހަމަޔަށް ސަތޭކަ ދިހަ މިލިއަން ރުފިޔާ އެކި ފަރާތްތަކުން ޖަމާކޮށްފައި އެބަހުރި ކަމަށާއި ފަންޑަށް ޖަމާކޮށްފައި ހުރި ފައިސާ އިންވެސްޓްކުރުމަށް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.ކުރިޔަށް އޮތް އަހަރުތަކުގައި ރައްޔިތުންނަށް ޙައްޖަށް ދިއުމުގެ އަގު ވަރަށް ބޮޑަށް ހެޔޮ ވެގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، މިއަހަރު ޙައްޖަށް ދާ ފަރާތްތަކަށް މަސްޖިދުލް އަޤްސާއަށް ދިއުމުގެ ފުރުސަތުވެސް ޙައްޖު ކޯޕަރޭޝަނުން ހަމަޖައްސައިދޭނެ ކަމުގައެވެ.މިނިސްޓަރ ޝަހީމް ވިދާޅުވީ، އަމިއްލަ ޖަމާއަތްތަކުން ޙައްޖަށް މީހުން ގެންދިއުމުގެ އުސޫލު ހަރުދަނާކޮށްފައިވާ ކަމަށެވެ. އެގޮތުން އެފުރުސަތު ދެން ލިބޭނީ މާލީ ގޮތުން ޤާބިލް ޖަމާތްތަކަށް ކަމަށާއި ޙައްޖުވެރިޔާގެ އަތުން ނަގާ އަގުގެ ފަންސަވީސް އިންސައްތައަށް ވާ ވަރަށް ބޭންކް ގެރެންޓީ ބަހައްޓަންޖެހޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.ރައީސުލް ޖުމްޙޫރިއްޔާ އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ޙައްޖު ކޯޕަރޭޝަނުން ވަނީ ރައީސުލްޖުމްޙޫރިއްޔާއަށް ޚާއްސަ ހަނދާނީ ހަދިޔާއެއް އަރުވާފައެވެ.ރައީސް ވަނީ ޙައްޖު ކޯޕަރޭޝަނަށް އެކި ގޮތް ގޮތުން އެހީތެރިކަން ދެއްވި ފަރާތްތަކާއި ކުންފުނިތަކަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވާފައެވެ. އަދި ޙައްޖު ދަތުރުގައި އެހީތެރިންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވި ފަރާތްތަކަށް އިސްލާމިކް މިނިސްޓަރ ވަނީ ހަނދާނީ ފިލާ ޙަވާލުކޮށް ދެއްވާފައެވެ.މީގެ އިތުރުން ރޭގެ ރަސްމިއްޔާތުގައި  ރައީސުލްޖުމްޙޫރިއްޔާ ވަނީ މުވައްޒަފުންގެ ޙައްޖު ސްކީމާ ފަސޭޙަ ޙައްޖު ސްކީމްގެ ނަމުގައި ދެސްކީމެއް ތައާރަފްކޮށްދެއްވާފައެވެ. މުވައްޒަފުންގެ ޙައްޖު ސްކީމަކީ، މަހުން މަހަށް މުސާރައިން ކެނޑޭ ގޮތަށް ފައިސާ ދެއްކުމުގެ ފުރުސަތު ލިބޭ ސްކީމެކެވެ. އަދި ފަސޭޙަ ސްކީމަކީ، މާލެއާ އަތޮޅުތަކުގައި ތިއްބަވާ ފަރާތްތަކަށް ޚާއްސަކޮށްގެން ފަސޭހައިން ފައިސާ ދެއްކޭނެ ގޮތަށް ތައާރަފްކޮށްފައިވާ ސްކީމެކެވެ.ފާއިތުވި އަހަރު މޯލްޑިވް ޙައްޖު ކޯޕަރޭޝަނުން ވަނީ ފައްސަތޭކަ މީހުުން ޙައްޖަށް ގެންގޮސްފައެވެ.