ޚަބަރު

މަޖިލިސް އިންތިޚާބަށް ފުލުހުންގެ ފުރިހަމަ އެހީތެރިކަން ލިބޭނެ- އެކްޓިންްގ ސީޕީ


ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ސަލާމަތީކަންކަން ބެލެހެއްޓުމަށް ފުލުހުންގެ ފަރާތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްވައިފިއެވެ.

އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މިޔަޤީންކަން ދެއްވީ އަންނަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ މަސައްކަތްތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުން، އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއާއެ ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައެވެ.

ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި މިބައްދަލުކުރެއްވުމުގައި، މަޖިލިސް އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާއި އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފާއި، އެކްޓިންގ ކޮމިޝަނަރަ އޮފް ޕޮލިސް ވަނީ މަޝްވަރާކުރައްވާފައެވެ. އަދި މަޖިލިސް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ ގުޅޭގޮތުންނާއި ދެފަރާތް ގުޅިގެން މަސައްކަތްކުރުމާގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި، މަޖިލިސް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި އިލެކްޝަންސް ކޮމިޝަނަށް ފުލުހުންގެ ފަރާތުން ބޭނުންވާ އެންމެހާ އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ފުލުހުންގެ އިދާރާއާއި އިލެކްޝަންސް ކޮމިޝަނުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.