ޚަބަރު

ރައީސް ޞާލިޙުގެ ތަރައްޤީގެ ތަސައްވަރު ހަޤީގަތަކަށް ހަދަން އެހީވެދޭނަން - ޖަޕާން


ރާއްޖޭގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ގެންގުޅުއްވާ ތަޞައްވަރު ޙަޤީޤަތަކަށް ހެދުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތަށް ޖަޕާނު ސަރުކާރުން އެހީވެދޭނެކަމުގެ ޔަޤީންކަން ޖަޕާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފިނޭންސް، ތާރޯ އާސޯ ދެއްވައިފިއެވެ.

ޖަޕާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ މިކަމުގެ ޔަޤީންކަން ދެއްވާފައި މިވަނީ ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ޖަޕާނަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނާއެކު، ވެރިރަށް ޓޯކިއޯގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ޚާރިޖީ ވަޒީރު ޖަޕާނަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޖަޕާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފިނޭންސް، ތާރޯ އާސޯ އާއެކު މިނިސްޓްރީ އޮފް ފިނޭންސްގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ކުރައްވާ ތަޞައްވަރު ޙަޤީޤަތަކަށް ހެދުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތަށް ޖަޕާނު ސަރުކާރުން އެހީވެދޭނެކަމުގެ ޔަޤީންކަން ޖަޕާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފިނޭންސް ވަނީ ދެއްވާފައެވެ.

ޖަޕާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރުގެ އިތުރުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ ޖަޕާނުގެ މިނިސްޓަރ އޮފް އިކޮނޮމީ، ޓްރޭޑް އެންޑް އިންޑަސްޓްރީ، ހިރޮޝިގޭ ސެކޯ އާވެސް ބައްދަލުކުރައްވައި، ރާއްޖެއާ ޖަޕާނާއި ދެމެދުގައި އިޤްތިޞާދީ ގުޅުން ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާތައް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ޖަޕާނުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ރާއްޖެއަށް ވެދެއްވާފައިވާ ދީލަތި އެހީތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެއިތުރުން މިނިސްޓަރ ޝާހިދާއި އެމަނިކުފާނުގެ ޓީމުން ވަނީ ޖަޕާން އެކްސްޓާނަލް ޓްރޭޑް އޮގަނައިޒޭޝަން (ޖެޓްރޯ) ގެ ރައީސް، ޔަސޫޝީ އަކަހޯޝީއާ ބައްދަލުކުރައްވާފައެވެ.

ޖެޓްރޯގެ ހެޑްކުއާޓަރުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދުވަނީ ތަފާތު ދާއިރާތަކުން ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އެގޮތުން، ރާއްޖޭގައި ޖަޕާނުގެ އިންވެސްޓްމަންޓުތައް އިތުރުކުރުމާއި ދެ ޤައުމުގެ ވިޔާފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މިމަހުގެ 19އިން 24އަށް ޖަޕާނުގެ ވެރިރަށް ޓޯކިއޯއަށް ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު ކުރައްވާ ރަސްމީ ދަތުރުފުޅުގައި، އެޤައުމުގެ މާލީ އަދި އިޤްތިޞާދީ ކަންކަމާބެހޭ ވަޒީރުންނާއި ބައްދަލުކުރައްވާފައިވާއިރު، އެފަރާތްތަކުން ވަނީ މިނިސްޓަރ ޝާހިދު މަރުހަބާ ދަންނަވާފައެވެ. އަދި ބައްދަލުކުރެއްވުންތަކުގައި ފޮރިންގ މިނިސްޓަރު ވަނީ ޖަޕާނުގެ ސަރުކާރުން ރާއްޖެއާމެދު ބަހައްޓަވާ ގާތް ގުޅުމަށް އަލިއަޅުވާލައްވައި ޖަޕާނަށް ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ފިނޭންސް، އިބްރާހީމް އަމީރާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ފައްޔާޟް އިސްމާޢީލާއި، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، ބައިވެރިވެވަޑައިގެންނެވިއެވެ.