ޚަބަރު

ޗުއްޓީ ދުވަސްތައް ފައިދާހުރި ރަނގަޅު ކަންތައްތައް ކުރުމުގައި ހޭދަކުރުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި


ޗުއްޓީ ދުވަސްތައް ހަމައެކަނި އުފާލާއި މަޖަލުގައި ހޭދަކުރުމުގެ ބަދަލުގައި ފައިދާހުރި ރަނގަޅު ކަންތައްތައް ކުރުމުގައި ހޭދަކުރުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

ރާއްޖޭގެ މިސްކިތްތަކުގައި އިއްވާފައިވާ ހުކުރު ޚުތުބާ ދީފައިވަނީ ޗުއްޓީ ދުވަސްތައް ހެޔޮގޮތުގައި ހިފުމާ ބެހޭ ގޮތުންނެވެ.

ހުކުރު ޚުތުބާގައި ގޮވާލާފައިވަނީ، ޗުއްޓީ ދުވަސްތަކަކީ ހަމައެކަނި އުފާލާ މަޖަލުގެ ދުވަސްތަކެއްކަމަށް ނަހަދާ ލިބޭ ޗުއްޓީއަކީ ފައިދާހުރި ރަނގަޅު ކަންތައްތަކެއް ކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއް ކަމުގައި ހެދުމަށް ގޮވާލާފައެވެ. އަދި ލިބޭ ހުސްވަގުތަކީ އިންސާނާ ކަންނެތްކުރާ ކަމެއް ކަމަށާ، ލިބޭ ހުސްވަގުތުތައް އެންމެ ފައިދާހުރި ކަންކަމުގައި ހޭދަކުރުމަށްވެސް ހުތުބާގައި ވަނީ ބާރު އަޅާފައެވެ.

މީގެ އިތުރުން، ޚުޠުބާގައިވަނީ، މި ދުވަސްވަރަކީ، ދިރާސީ އަހަރު ނިމި ސްކޫލުގެ ކިޔެވުން ބަންދު ދުވަސްތަކެއް ކަމުން، ވަގުތު ބޭކާރުކޮށްނުލާ ފާއިދާހުރި އުފެއްދުންތެރި ކަންތައްތަކުގައި ޝާމިލުވުމަށް ޒުވާނުންނަށް އިލްތިމާސްކޮށްފައެވެ.

"ޝައިތާނާގެ ގޮވާލުންތަކުގެ ތެރޭގައި ހިމެނޭ ހަވާ ނަފްސުގެ ނުބައި އެދުންތަކަށް ހެއްލިގެން ބޭކާރު ކަންތައްތަކާއި ބޭކާރު ވާހަކަ ދެއްކުމުގައި ވަގުތު ނަގާލުމުގެ ބަދަލުގައި، އިސްލާމްދީން ހުއްދަކުރާ އަދި ދުނިޔަވީ ގޮތުން ފައިދާ ކުރަނިވި ކޮންމެސް ހުނަރެއް ކުރިއެރުވުމަށް ނުވަތަ އެފަދަ މަސައްކަތެއް ކުރުމަށް" ޚުޠުބާގައިވަނީ ގޮވާލާފައެވެ.

މީގެ އިތުރުން މިއީ ސްކޫލް ބަންދު ދުވަސްތަކެއްކަމުން، ބެލެނިވެރިން ދަރީން ތަރުބިއްޔަތު ކުރުމުގައި އިތުރަށް ސަމާލުކަންދީ، ޗުއްޓީ ހެޔޮގޮތުގައި ހޭދަކުރުމަށް ތަފާތު ހެޔޮ އަމަލު އެކުދިން ލައްވާ ކުރުމަށް، ބާރު އެޅުމަށްވެސް ޚުޠުބާގައި ވަނީ ގޮވާލާފައެވެ.

"ފަސްވަގުތުގެ ނަމާދަށް އެކުދީން ސަމާލު ކުރުވައި، އެކަމުގެ މައްޗަށް ހާނުވާ. ޗުއްޓީގެ އުފާ ހާސިލުކުރުމުގެ އިތުރުން މިދުވަސްވަރުވެސް ކީރިތި ގުރުއާން ކިޔެވުމާއި ރިވެތި އަހްލާގުގެ މަތީގައި ދަރިން ތަރުބިއްޔަތު ކުރަންވާނެ،" ހުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ވަނީ މަދަރުސާތައް ބަންދުވި ނަމަވެސް ކުދީންނަށް ޗުއްޓީ ހޭދަކުރުމުގައި ކަންކަން ކުރަންވާ ރިވެތި ގޮތް ބުނެދިނުމަށްވެސް އިލްތިމާސްކޮށްފައެވެ. އަދި މުޖުތަމަޢުގައި ހުންނަ އެކި ކަންކަމަށް ކުދިން ހޭނުވުމަށް މިފަދަ ޗުއްޓީތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްވެސް ހުކުރު ޚުޠުބާގައި ވަނީ ގޮވާލަފައެވެ.