ޚަބަރު

އަންނަ މަޖިލިސް އިންތިޚާބުގައި ވިލިމާލެ ދާއިރާއަށް ވާދަކުރާނަން - ޑރ. ޖަމީލް


ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވިލިމާލެ ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފިއެވެ.

ކުރީގެ ރައީސް ޔާމީންގެ ރަނިން މޭޓްގެ ގޮތުގައި 2013 ގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާ ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ ނާއިބު ރައީސްކަންވެސް ކުރެއްވި ޑރ. ޖަމީލު މަޖިލިސް އިންތިޚާބަށް ނުކުންނަވާނެކަން އެމަނިކުފާނު ވަނީ ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށް ދެއްވާފައެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ޑރ. ޖަމީލު ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ވިލިމާލެ ދާއިރާއަށް ވާދަކުރައްވަން ނިންމެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ވަޢުދުތައް ފުއްދެވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރަށް އެއްބާރުލުންދިނުމަށް ކޯލިޝަންގައި ހިމެނޭ ވީހާވެސް ގިނަ ބަޔަކު މަޖިލިހަށް އިންތިޚާބުވާން ޖެހޭތީކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ ވިލިމާލެ ދާއިރާ އަށް ކުރިމަތިލައްވަން ނިންމެވި އަނެއް ސަބަބަކީ މާލެ ހިމެނޭ ޒޯން ތަރައްޤީވެގެންދާއިރު ވިލިމާލެ އެ ތަރައްޤީން މަހްރޫމްވެފައިވުމުން އެކަން ނިމުމަކަށް ގެނައުމަށްކަމަށެވެ. އަދި އެކަމުގައި މަޖިލީހުގެ ތެރެއިންނާއި، ސަރުކާރާއި ގުޅިގެން މަސައްކަތްކުރައްވާނެކަމަށްވެސް ޖަމީލު ވިދާޅުވިއެވެ. އެގޮތުން މާލެއާ ވިލިމާލެ ބްރިޖަކުން ގުޅާލުމާއި، އެބްރިޖް ތިލަފުއްޓާހަމައަށް ގެންދިއުމަށް އެމަނިކުފާނު ޚައްސަ އިސްކަމެއް ދެއްވާނެކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.

ޤާނޫނޫ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ހާސިލްކުރައްވާފައިވާ ޑރ. ޖަމީލު ވަނީ ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި ޖަސްޓިސް މިނިސްޓަރުކަމާއި ޖިނާއީ ކޯޓްގެ އިސްގާޒީކަންވެސް ކުރައްވާފައެވެ. އަދި ކުރީގެ ރައީށް މުހައްމަދު ނަޝިދާއި ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދި ހަސަން މަނިކުގެ ވަރިކަމުގައިވެސް ވަޒީރުކަން ޖަމީލުކުރައްވާފައިވެއެވެ. މީގެއިތުރުން ޔާމީން ސަރުކާރާއި ދެކޮޅަށް އިދިކޮޅު އިއްތިހާދުގެ ނަމުގައި އުފެއްދި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ގެ ވެސް އިސް ދައުރެއް ޖަމީލު އަދާކުރައްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބު، އަންނަ އަހަރުގެ އޭޕްރީލް 6 ގައި ބާއްވާނެކަން އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފައެވެ. ޑރ. ޖަމީލުގެ އިތުރުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ކުރީގެ ބައެއް ވަޒީރުންނާއި، އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުވާދް ތަޢުފީޤު ވެސް މަޖިލިހަށް ވާދަކުރައްވާނެކަން ވާނީ އިއުލާންކުރައްވާފައެވެ. އަންނަ މަޖިލިސް ިއންތިހާބުގައި ޖުމްލަ 87 ދާއިރާއަކަށް މެންބަރުން އިންތިޚާބުކުރާނެއެވެ.