ވިޔަފާރި

2014 ނިމުނުއިރު އެމްޓީޑީސީއަށް 100 މިލިއަން ރުފިޔާގެ ފައިދާއެއް


ފާއިތުވި މާލީ އަހަރު ނިމުނުއިރު މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަނަށް ގާތްގަނޑަކަށް ސަތޭކަ މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.އެމް.ބީ.ސީ ޚަބަރަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އެކުންފުނީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ނިޔާޒް ވިދާޅުވީ، ކުންފުނީގެ މާލީ ހިސާބުތައް ނިންމުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، ފާއިތުވި މާލީ އަހަރަކީ ކުންފުންޏަށް ގިނަ ފައިދާތަކެއް ލިބިގެން ދިޔަ އަހަރެއް ކަމަށެވެ.މުޅި އަހަރު ނެޓް ޕްރޮފިޓްގެ ގޮތުގައި ގާތްގަނޑަކަށް 7 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ. އަދި ފާއިތުވި މާލީ އަހަރުގެ ކޮންމެ ކުއާޓާއެއްގައި އެވްރެޖްކޮށް 45 މިލިއަން ރުފިޔާގެ ފައިދާއެއް ވިނަމަވެސް ކުންފުނީގެ ދަރަނިތައް އަދިވެސް އެއްކޮށް ދައްކާ ނުނިމޭތީ މިއަހަރު ޑިވިޑެންޓް ނުބެހޭނެ ކަމަށްވެސް އެކުންފުނިން ހާމަކުރެއެއެވެ.އިކޮނޮމިކް ކައުންސިލާއެކު މަޝްވަރާކޮށް އެކުންފުނީގެ ވިޔަފާރީގެ އޮނިގަނޑު ބަދަލުކޮށް ވިޔަފާރި ފުޅާކުރުމަށް މަސައްކަތް ކުރަމުން ދާއިރު، އެކުންފުންޏަށް ލިބޭ މާލީ މަންފާ ކުރިއަށް އޮތްތަނުގައި އިތުރުވެގެންދާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ. އަދި ހިއްސާގެ ބާޒާރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެކުންފުނީގެ ހިއްސާގެ މޫނުމަތީ އަގު 10 ރުފިޔާއަށް ބަދަލުކުރި ފަހުން ހިއްސާގެ މުޢާމަލާތުގެ އަގު 20 ރުފިޔާއަށް ވަނީ އިތުރުވެފައެވެ.އެކުންފުނިން ރިސޯޓް ތަރައްޤީކުރުމަށް މަސައްކަތް ކުރަމުން ދާއިރު، އެކުންފުނިން ވަނީ ސަރުކާރުގެ ކޭޝްފްލޯ މެނޭޖްކުރުމަށް މަރުކަޒީ ބޭންކް މެދުވެރިކޮށް ވިއްކަމުންދާ ޓީބިލްގައި އިންވެސްޓްކޮށްފައެވެ. ނަމަވެސް ޓީ-ބިލްގައި އިންވެސްޓްކޮށްފައިވަނީ ކިހާ އަދަދެއް ކަމެއް އެފަރާތުން ހާމަކޮށްފައި އެއް ނުވެއެވެ.