ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، އިންޑޮނޭޝިއާގެ ރައީސަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި


އިންޑޮނޭޝިއާގެ ބައެއް ސަރަހައްދުތަކަށް މިއަދު އެރި ސުނާމީއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް، އެޤައުމުގެ ރައީސް ޖޯކޯ ވިޑޮޑޯއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އިންޑޮނޭޝިއާގެ ރައީސަށް ފޮނުއްވި މެސެޖުގައި، އެ ޤައުމަށް ކުރިމަތިވި ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އިންޑޮނީޝިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

އަދި އިންޑޮނޭޝިއާއަށް ކުރިމަތިވި ކުއްލި ކާރިޘާގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށްޓަކައި އެޤައުމުގެ ސަރުކާރުން ކުރާ މަސައްކަތްތައް އެންމެ އެކަށީގެންވާ ގޮތުގައި، ވީހާވެސް ހަލުވި މިނެއްގައި ކުރިއަށްދިއުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގަންނަވާފައެވެ.

މީގެ އިތުރުން އިންޑޮނޭޝިއާއަށް އެރި ސުނާމީގައި ގިނަ ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާވެ، ގެދޮރާއި އިމާރާތްތަކަށް ލިބުނު ގެއްލުމުގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ރައީސް ޞާލިހްގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.

އިންޑޮނޭޝިއާގެ އަލިފާން ފަރުބަދައެއް ގޮވާ ބިންގަނޑު ކަނޑައިގެން ގޮސްގެން އުފެދުނު ސުނާމީގައި މަރުވި މީހުންގެ އަދަދު 168 އަކަށް ވުރެ މައްޗަށް އަރާފައިވާއިރު، މި ކާރިޘާގައި އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.