ޚަބަރު

އަދަބު ލުއިކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު، ރައީސުލްޖުމްހޫރިއްޔާ އުވާލައްވައިފި


މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އުވާލައްވައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި އިޢުލާނެއްގައެވެ.

މިޢިއުލާނުގައި ބުނެފައިވަނީ މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުން ޙާސިލުކުރަން ބޭނުންވާ މަޤްޞަދު، އެ ޤާނޫނުގެ 29ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ، އަދަބު ލުއިކޮށްދިނުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާއިދުން ހާސިލުނުވާތީ، އެ ޤަވާޢިދު އުވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށެވެ.

މިޤަވާޢިދަކީ، މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު ގެ 29ވަނަ މާއްދާގެ (ނ)ގެ ދަށުން، ޖިނާއީ ކުށުގެ ޙުކުމް ކޮށްފައިވާ މީހެއްގެ ޢުމުރަށް ބަލައި ނުވަތަ އޭނާ ގައިގައިހުރި ބައްޔަކަށް ބަލައި، ނުވަތަ އޭނާ ހޯދަމުންދާ ފަރުވާއަކަށް ބަލައި، ނުވަތަ އޭނާ ހުރި ވަގުތަށާއި ޙާލަތަށް ބަލައި، ނުވަތަ އިންސާނިއްޔަތުކަމުގެ ނަޒަރަކުން ބަލައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެގުމުގައި މީހެއްގެ އަދަބު ލުއިކޮށްދިނުމުގެ އިޚުތިޔާރު، ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ޤަވާޢިދެވެ.

16 ޖޫން 2016 ގައި އަމަލުކުރަންފެށި މިޤަވާޢިދަށް ހަތަރު ފަހަރެއްގެ މަތިން ވަނީ އިސްލާޙް ގެނެސްފައެވެ.