ސިޓީ ޕާރކް އަލުން ތަރައްޤީކުރުމާގުޅޭގޮތުން އާއްމުންގެ ޚިޔާލު ހޯދުމަށް ފޯރަމެއް ބޭއްވުމަށް ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން އާއްމުންގެ ޚިޔާލު ހޯދުމަށް ބާއްވާ މި ފޯރަމަކީ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން މުނިފޫހިފިލުވާނެ ވަޞީލަތްތައް ހިމެނޭ ގޮތަށް އެތަނުގައި ޕާރކެއް ތަރައްޤީކުރުމަށް ނިންމަވާފައިވާތީ އެކަމުގެ ޚިޔާލު ހޯދުމަށް ބާއްވާ ފޯރަމްއެކެވެ.
އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ހަވީރު 16:30 ގައި ސިޓީ ޕާރކްގައިކަމަށް މާލޭ ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ. އަލިކިލެގެފާނު މަގުގައި ހުންނަ ސިޓީ ޕާރކް ތަރައްޤީކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލުން މިދިޔަ ހަފްތާތެރޭގައި ވަނީ އެތަން ސާފުކޮށްފައެވެ.
ކުރީގެ ސަރުކާރުން މިނިވަން 50 އާ ގުޅިގެން ސަލްޓަން ޕާރކްގައި ހެދި ހުޅުދާން ބަގީޗާގެ ލެޑް ބޮކީގެ ގަސްތައް ސިޓީ ޕާރކްގައި ބަހައްޓާފައިވެއެވެ. އަދި ޕާރކް ތަރައްޤީކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށް ކަޅުއޮއްފުންމީގެ އަސްލާ އެއްގޮތައް ބަނދެފައިވާ ދޯނި މި ޕާރކްގައި ބެހެއްޓުމަށްފަހު ފަހުން ވަނީ ނަގާފައެވެ. ނަމަވެސް ސިޓީ ޕާރކް ތަރައްޤީ ކުރުމުގެ މަސައްކަތް އެއްކޮށް ނުނިންމައި ގިނަދުވަސް ވުމުގެ ސަބަބުން އެ ތަނުގައި ބަހައްޓާގައި ހުރި ލެޑް ގަސްތަކާއި އެހެނިހެން ތަކެތި ވަނީ ހަލާކުވެފައެވެ.
އެއަށްފަހު މި ޕާރކް ތަރައްޤީކުރުމުގެ މަސައްކަތް ކުރީގެ ސަރުކާރުން ހައުސިންގ މިނިސްޓްރީގެ ދަށަށް ބަދަލުކޮށް އެ ޕާރކް ޕޫލް ތީމް ޕާރކެއްގެ ގޮތުގައި ތަރައްޤީކުރަން ނިންމިކަންވެސް އިއުލާނުކުރިއެވެ. ނަމަވެސް ސަރުކާރު ނިމުނުއިރުވެސް މިކަމުގެ ޢަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ.
ސަރުކާރާއި، މާލޭ ސިޓީ ކައުންސިލުން ހިންގާ އެކި މަޝްރޫޢުތަކާގުޅޭ ގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ގެންދަނީ ފޯރަމްތައް ބާއްވަމުންނެވެ.