މިދިޔަ ހަފްތާ ނިމުނުއިރު ދައުލަތުގެ ޖުމްލަ ހަރަދު 23.7 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ މިދިޔަ ހަފްތާގެ ދައުލަތުގެ ހަރަދު ބަރަދުގެ ތަފްސީލަށް ބަލާއިރު، މިއަހަރުގެ ޖެނުއަރީން ފެށިގެން މިހިނގާ ޑިސެމްބަރުމަހުގެ 22 ނިޔަލަށް ދައުލަތުގެ ހަރަދުގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، 23.7 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން 16.5ބިލިއަން ރުފިޔާއަކީ ރިކަރެންޓް ހަރަދެވެ. ކެޕިޓަލް ހަރަދު އުޅެނީ 7.2 ބިލިއަން ރުފިޔާގައެވެ.
ރިކަރެންޓް ހަރަދުގެ ގޮތުގައި އެންމެބޮޑު ހަރަދެއް ހިނގާފައިވަނީ މުސާރަ އާއި ޕެންޝަން ހަރަދަށެވެ. އެއީ 8.4 ބިލިއަން ރުފިޔާއެވެ. އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި އެންމެބޮޑު ހަރަދެއް ހިނގާފައިވަނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއައިއެސްޕީ) އަށެވެ. އެއީ 5.6 ބިލިއަން ރުފިޔާއެވެ.
ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ މި ތަފާސްހިސާބަށް ބަލާއިރު، ޖެނުއަރީން ފެށިގެން ޑިސެމްބަރުމަހުގެ 22 ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ، 20.1 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން 14.6 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ.
މިހިނގާ 2018 ވަނަ އަހަރަށް ކަނޑައަޅާފައިވަނީ، 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.