ޚަބަރު

ޖޭޕީން ހުރިހާ ދާއިރާއަކަށް ވާދަކުރުމަކީ ޑިމޮކްރަސީއަށް ލިބުނު ކުރިއެރުމެއް - ރައީސް ނަޝީދު


ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީން ހުރިހާ ދާއިރާއަކަށް ކުރިމަތިލާން ނިންމިކަމީ ރާއްޖޭގެ ޑިމޮކްރާސީއަށް ލިބުނު ކުރިއެރުމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް ރައްޔިތުންނަށް އިޚްތިޔާރު ކުރުމުގެ ފުރުސަތު ލިބޭނެ މަގު ޖުމްހޫރީ ޕާޓީން ތަނަވަސް ކޮށްދީފައިވާ ކަމަށެވެ.

"ޑިމޮކްރާސީގެ އުސޫލުތަކާ އެއްގޮތަށް، ރައްޔިތުންނަށް އިކްތިޔާރު ކުރުމުގެ ފުރުސަތު ލިބޭނެ މަގު ތަނަވަސްކޮށްދެމުން، ޖޭޕީން 87 ދާއިރާއަށް ކެނޑިޑޭޓުން ނެރުމަށް ނިންމެވިކަމީ ރާއްޖޭގެ ޑިމޮކްރާސީއަށް ލިބުނު ކުރިއެރުމެއް. ސަރުކާރު ހިންގުމުގައި އިއްތިހާދު ބަދަހިކޮށް އޮންނާނެ ކަމީ ކަށަވަރު ކަމެއް"

ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިގޮތަށް ޓްވީޓް ކުރައްވާފައިވާއިރު، ޖުމްހޫރީ ޕާޓީންވަނީ މިކަން ދޮގުކޮށްފައެވެ. ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ޞާލިޙް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ 125 ވަނަ ބައްދަލުވުމުން ނިންމާފައިވަނީ، އެޕާޓީގެ މެންބަރުންގެ ތެރެއިން މަޖިލިސް އިންތިޚާބުގައި ވާދަކުރަން ޝައުޤުވެރިވާ، އަދި އެކަމަށް ޤާނޫނީ ގޮތުން ޝަރުތު ފުރިހަމަވާ ފަރާތްތަކުން، 25 ޖެނުއަރީ 2019 ގެ ނިޔަލަށް ޖުމްހޫރީ ޕާޓީއަށް ހުށައެޅުމަށް ކަމަށެވެ. އަދި އެއްވެސް ހާލަތެއްގައި 87 ދާއިރާއަށް ވާދަކުރަން ޖޭޕީ ކައުންސިލުން ނިންމާފައިނުވާ ކަމަށާއި އަދި ވާދަކުރާނެ ދާއިރާތަކެއްވެސް ކަނޑަނާޅާކަމަށް އަލީ ޞާލިޙް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖޭޕީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

ޖޭޕީން މިގޮތަށް ނިންމިއިރު، އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ މެދުގައި ގޮނޑިތައް ބަހާލާނެ ގޮތަކާމެދު ވަނީ ގޮތެއް ނުނިންމިފައެވެ. އަދި މިކަމުގައި ގޮތެއް ނިންމުމަށް މިދިޔަ ހަފްތާގައިވެސް ސަރުކާރު ކޯލިޝަނުގައި ހިމެނޭ ހަތަރު ޕާޓީގެ ލީޑަރުންނާއެކު ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ވަނީ މަޝްވަރާކޮށްފައެވެ.