ވިޔަފާރި

މާލެ-ހުޅުލެ-ހުޅުމާލެ ބަހުން 10 ރުފިޔާ ނަގަން ނިންމައިފި


އަންނަ ޖެނުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލެއާއި ހުޅުމާލެއާ ދެމެދު ދެމުންގެންދާ ބަހުގެ ޚިދުމަތުން އަގު ނެގުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްއިން ހާމަކޮށްފިއެވެ.

ބަހުގެ ޚިދުމަތަށް އަގު ނެގުމަށް ހަމަޖެހިފައިވަނީ އެމްޕީއެލްއިން އެކަމަށްޓަކައި ކަނޑައަޅާފައިވާ "ޓަޗްލިންކް" ކާޑު މެދުވެރިކޮށް ކަމަށް އެކުންފުނިން ބުނެއެވެ. އަދި މާދަމާއިން ފެށިގެން މާލެ ބަސް ޓަރމިނަލުންނާއި، ހުޅުމާލޭގެ މައި ބަސް ސްޓޮޕް ކަމަށްވާ N1 ގެ ދެވަނަ ބަސް ސްޓޮޕުން އެ ކާޑު ވިއްކުމާއި ޓޮޕްއަޕް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާނެކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ. މި ކާޑު ވިއްކުމަށް ހަމަޖެހިފައިވަނީ 20 ރުފިޔާއަށް ކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމް.ޕީ.އެލްގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު އަލީ ވިދާޅުވީ މާލެއާއި ހުޅުމާލެ އަދި މާލެއާއި ހުޅުލެއާ ދެމެދު ދެމުންގެންދާ ބަހުގެ ޚިދުމަތުން އަގެއް ނެގުމަށް ސަރުކާރުން ހުއްދަދީފައިވާކަމަށެވެ. މިގޮތުން މާލެއިން ހުޅުލެއަށް އަދި މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ބަހުން ކޮންމެ މީހަކަށް ދިހަ ރުފިޔާ ނެގުމަށް ނިންމާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

"މިހާރު ސަރުކާރުން ހުއްދަދެއްވާފައި އޮތީ ޖެނުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެން ބަހުގެ ޚިދުމަތުން ކޮންމެވެސް ވަރެއްގެ ޗާޖެއް ނަގަން. އެގޮތަށް އަގެއް ނެގިޔަސް، އެނަގާ އެއްޗަކުން ބަހުގެ ޚިދުމަތް ފޯރުކޮށްދޭން ކުރާ ޙަރަދު ދެކޮޅެއް ނުޖެހޭނެ. އޭގައި އެބަހުރި ކުރެވޭނެ ކަންތައްތަކެއް ޚަރަދު ދެކޮޅު ޖައްސަން. އެކަމުގައި ސަރުކާރާ ވާހަކަދައްކައިގެން ލުއި ގޮތްތަކެއް ފަހިކޮށްފިނަމަ މިކަން ކުރެވޭނެ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ވާހަކަފުޅުގައި އެމްޕީއެލްއާއި އެމްޓީސީސީން މާލެ ސަރަޙައްދުގައި ބަހުގެ ޚިދުމަތް ދިނުމުގެ ބަދަލުގައި، އެންމެ ފައިދާވާނީ ކޮންމެވެސް އެއް ކުންފުންޏަކުން ބަހުގެ ޚިދުމަތް ދިނުމުންކަން ފާހަގަކުރެއްވިއެވެ. އަދި އެކަމާ ގުޅިގެން ކޮންމެވެސް ވަރެއްގެ މަޝްވަރާތަކެއް ކުރިއަށްދިޔަކަމަށާއި، އެކަމުގެ ފަހު ގޮތް ނިންމާނީ ސަރުކާރުގެ އިސްވެރިންގެ މެދުގައި މަޝްވަރާކުރުމަށްފަހުކަމަށް ޝާހިދު ވިދާޅުވިއެވެ.

މާލެއާއި ހުޅުލެ އަދި ހުޅުމާލެއަށް އެމްޕީއެލުން ދެމުންގެންދާ ބަހުގެ ޚިދުމަތުން އަގު ނަގަން ފަށާފައިވާއިރު، އެމްޕީއެލުން މިޚިދުމަތް ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުން ފެށިގެނެވެ. އޭރު މިޚިދުމަތް ފަށާފައިވަނީ އެއްވެސް އަގެއް ނުނަގައެވެ.