ޚަބަރު

އެމްޓީޑީގެ ފުރަތަމަ އާންމު ޖަލްސާ ބާއްވައިފި


އަލަށް ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީ މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ އިފްތިތާހީ އާންމު ޖަލްސާ މިރޭ ބާއްވައިފިއެވެ.

ފަސްސަތޭކައަށް ވުރެ ގިނަ އާންމު މެންބަރުންނާއެކު ކުރިއަށްގެންދިޔަ މި ޖަލްސާ ބާއްވާފައިވަނީ ދަރުބާރުގޭގައެވެ.

މި ޖަލްސާގައި ދާދިފަހުން އެމްޓީޑީއާ ގުޅުނު، ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ހާއްޞަ މެހެމާނެއްގެ ގޮތުގައި ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަތީފް މުޙައްމަދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ޖަލްސާގައި ވަނީ އެމްޓީޑީގެ އިންތިގާލީ ކައުންސިލަށް 11 މެންބަރުން ހޮވާފައެވެ. އެގޮތުން އެ ޕާޓީގެ މުއައްސިސް އިސްމާއިލް އާސިފާއި ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދާއި ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބްގެ އަނބިކަބަލުން މަރިޔަމް ނަޝްވާ ވެސް ކައުންސިލްގައި ހިމެނެއެވެ.

މި ޖަލްސާގައި ވަނީ އެޕާޓީގެ ލޯގޯ އާއި ކުލަވެސް ފާސްކޮށްފައެވެ. އެގޮތުން އެ ޕާޓީގެ ކުލައެއްގެ ގޮތުގައި މިހާރުވެސް ބޭނުންކުރަމުން އަންނަ ވިލު ނޫކުލަ ފާސްކޮށް މިހާރުގެ ލޯގޯ ބޭނުން ކުރުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުން ވަނީ ވޯޓް ދީފައެވެ.

ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގައިވާ ގޮތުން ޕާޓީ ރަސްމީކޮށް ރަޖިސްޓްރީކޮށްދޭނީ ޕާޓީ އުފެއްދުމުގެ ޖަލްސާގައި މަދުވެގެން 300 މީހުން ބައިވެރިވެ، އެ ޕާޓީގެ އަސާސީ ޤަވާއިދު ފާސް ކުރުމުންނެވެ. އެމްޓީޑީން މީގެ ކުރިން ވަނީ ޕާޓީއެއް އުފައްދަން ބޭނުންވާ 3،000 މެމްބަރުންގެ ސޮއި ހަމަކޮށް، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ.

ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ނައިބު ރައީސް އިސްމާޢީލް އާސިފް އިސްކޮށް ހުންނަވައިގެން ރަޖިސްޓްރީކޮށްފައިވާ އެމްޓީޑީ އުފެއްދުމަށް އާންމު ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ މިދިޔަ ހަފުތާގައެވެ.

މި ޖަލްސާގައި އެމްޓީޑީގެ މުއައްސިސް އިސްމާއީލް އާސިފް ވަނީ އެ ޕާޓީ އުފެއްދުމުގެ މައިގަނޑު މަގުޞަދު ހާމަކޮށްދެއްވާފައެވެ. އެ ގޮތުން އެމްޓީޑީ މައިގަނޑުގޮތެއްގައި ބައްޓަން ކުރެވިގެންދާނީ ޒުވާނުންނަށް އެކި ފުރުޞަތު ފަހިކޮށްދޭ ޕާޓީއެއްގެ ގޮތުގައި ކަމަށް އާސިފް ވިދާޅުވިއެވެ.