ޚަބަރު

ބާރަށާ، ނޭކުރަންދޫ ކުޅި އަދި ކޭލަކުނު ހިމާޔަތްކުރުމަށް ނިންމައިފި


ހއ ބާރަށު ކުޅި އާއި ހދ ނޭކުރަންދޫ ކުޅި އާއި ހދ ކޭލަކުނު ހިމާޔަތް ކުރުމަށް އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސް ޞާލިޙް މިގޮތަށް ނިންމެވީ ވަޒީރުން މަޖިލީހުގެ މަޝްވަރާގެ މަތިންކަމަށެވެ.

އަދި މިގޮތަށް ނިންމާވާފައިވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށްފަހުކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

އަލަށް ހިމާޔަތްކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ތިލަދުންމަތީ ދެކުނުބުރީ ކޭލަކުނާއި، އެރަށުގެ ވަށައިގެންވާ ފަރާއި، ފަޅުގެ ސަރަޙައްދާއި، ހަމަ އެ އަތޮޅުގެ ނޭކުރެންދޫގެ ކުޅި، ފާ، ޗަސްބިން ސަރަޙައްދުގެ އިތުރުން ތިލަދުންމަތީ އުތުރުބުރީ ބާރަށުގެ ކުޅި، ފާ، އަދި ޗަސްބިން ސަރަޙައްދެވެ.

މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ކުރިން ބޭއްވެވި ކެބިނެޓުގެ މަސައްކަތު ބައްދަލުވުމުގައި، ކޭލަކުނާއި އެރަށުގެ ވަށައިގެންވާ ފަރާއި ފަޅުގެ ސަރަޙައްދާއި، ނޭކުރެންދޫގެ ކުޅި، ފާ، އަދި ޗަސްބިން ސަރަޙައްދާއި، ބާރަށުގެ ކުޅި، ފާ، އަދި ޗަސްބިން ސަރަހައްދުގެ ޤުދުރަތީ މުއްސަނދިކަމާއި، މި ތަންތަން ހިމާޔަތްކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ފަންނީ ބޭފުޅުން ކެބިނެޓް މިނިސްޓަރުންނަށް މަޢުލޫމާތު ދެއްވާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި މި ތިން ސަރަހައްދަކީވެސް ރާއްޖެއިން އާންމުކޮށް ނުފެންނަ ފަދަ ދިރޭ ތަކެތި ދިރިއުޅޭ ތަންތަންކަން އެންވަޔަރަމެންޓް މިނިސްޓްރީން ފާހަގަކޮށްފައިވާކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ތަންފީޛުކުރާ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި، 1 ފަރާއި، 1 ކަނޑޫފާ ރައްކާތެރިކުރުމަކީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ ވައުދެކެވެ.

ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ތަންފީޛުކުރާ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި، 1 ފަރާއި، 1 ކަނޑޫފާ ރައްކާތެރިކުރުމަކީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ ވައުދެކެވެ.