ޚަބަރު

ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ އާ އުސޫލަށް ޢަމަލު ކުރަން ފަށައިފި


ސިވިލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުގައި ޢަމަލު ކުރާނެ އުސޫލެއް އެކުލަވާލުމަށްފަހު، އެ އުސޫލަށް ޢަމަލު ކުރަން ފަށައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ޢަމަލު ކުރާނެ އުސޫލެއް އެކުލަވާލައިފައި މިވަނީ ސަރުކާރުގެ ހުރިހާ އިދާރާތަކުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި އެއް ހަމައަކުން ކަންތައްތައް ކުރުމުގެ މަގުސަދުގައެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ބުނީ ކުރިން އެކޮމިޝަނުގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުގައި ޢަމަލު ކުރަމުން ދިޔައީ އެކޮމިޝަނުގެ ޤަވާއިދުގެ ދަށުން ކަމަށެވެ. އެހެން ނަމަވެސް މިހާރު ޢަމަލު ކުރަން ފެށި އުސޫލަކީ އެޤަވާޢިދުގެ ދަށުން އިސްލާޙުކުރަން ޖެހޭ ބައެއް ކަންތައްތައް ތަފްސީލުކޮށް އެކުލަވާލި އުސޫލެއް ކަމަށެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުގައި މިއަދު ޢަމަލު ކުރަންފެށި އުސޫލުގައި ވަނީ ސިވިލް ސާވަންޓަކު ވަޒީފާއިން ވަކި ކުރެވޭނީ ސިވިލް ސަރވިސް ކޮމިޝަނުގެ ޤަވާއިދުގެ ދުއިސައްތަ ތޭވީސް ވަނަ މާއްދާގައި ބުނާ، އަށް ހާލަތުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން ކަމަށެވެ. އެގޮތުން ސިވިލް ސާވަންޓަކު ވަޒީފާއިން ވަކިކުރާ ނަމަ ނޯޓިސްއާއެކު ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެ މުއްދަތުގެ ތެރޭގައި އެ މުވައްޒަފަކަށް މުސާރައާއި އިނާޔަތްތައް ލިބެން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

މި އުސޫލުގައި ބުނެފައި ވަނީ ސިވިލް ސާވަންޓަކު މަސައްކަތް ކުރާ އިދާރާއެއް އުވާލެވޭ ޙާލަތެއްގައި އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނޯޓިސް ދީފައިވާ މުއްދަތުގައި ވަޒީފާއަށް ނެރޭނަމަ، އެ މުވައްޒަފަކު ވަޒީފާއަށް ނުކުންނަ ކަމުގެ ހާޒިރީ ބަލަހައްޓާނޭ ތަން ކަނޑައަޅާނީ ސިވިލް ސަރވިސް ކޮމިޝަނުން ކަމަށެވެެ. އަދި އެ މުވައްޒަފަކު ވަޒީފާ އަދާކުރަމުންދާ އިދާރާ އެހެން ތަނަކަށް ބަދަލު ކުރަންޖެހިއްޖެ ހާލަތެއްގައި ނަމަ މުވައްޒަފުގެ ހާޒިރީ ބަލަހައްޓާނީ އެ މަސައްކަތަކާ ހަވާލުވި އިދާރާއަކުން ކަމަށް ވެސް އެ އުސޫލުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ވަޒީފާއިން ވަކިކުރުމަށް ނޯޓިސް ދީފައިވާ މުވައްޒަފެއްގެ ޚިދުމަތް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އިދާރާއަކަށް ބޭނުން ނުވާނަމަ، އެ މުވައްޒަފަކަށް ނޯޓިސް ދީފައިވާ މުއްދަތަށްވާ ޢަދަދަށް މުސާރަ ދިނުމަށް ފަހު އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ އިޚްތިހާރު އެއިދާރާއަކަށް ލިބިގެންވާކަމަށް އަލަށް އަމަލުކުރަން ފެށި އުސޫލުގައި ވަނީ ކަނޑައަޅާފައެވެ.

އަދި ވަޒީފާއިން ވަކިކުރުމަށް ނޯޓިސް ދީފައިވާ މުވައްޒަފަކީ، ނޯޓިސް ދީފައިވާ މުއްދަތުގެ ނިޔަލަށް 55 އަހަރު ފުރިފައިވާ މީހެއްނަމަ، ސިވިލް ސަރވިސްގެ ގަވާއިދުގެ 224 މާއްދާގައިވާ ގޮތުން، ސިވިލް ސަރވިސް ކޮމިޝަނަށް ލިބިފައިވާ އިހްތިހާރުގެ ދަށުން އެ މުވައްޒަފަކާ މެދު ޢަމަލުކުރާނީ ވަޒީފާއިން މުސްކުޅި ކުރެވޭ މުވައްޒަފެއްގެ ގޮތުގައިކަމަށާއި، އެފަދަ ފަރާތެއް ނަމަ މުސްކުޅި ވުމުން ވަޒީފާއިން ވަކިކުރާ މީހުންނަށްދޭ އިނާޔަތް ދޭން ޖެހޭނެ ކަމަށް ވެސް އަލަށް ޢަމަލް ކުރަން ފެށި އުސޫލުގައި ވަނީ ބުނެފައެވެ.

މި ނޫނަސް ސިވިލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުގައި އަމަލު ކުރާނެ އުސޫލުގައި މުވައްޒަފުން ދޫކޮށްލުމުގައި، މެރިޓް އުސޫލުން ދަރަޖަ ކުރާނޭ މިންގަނޑެއް ވެސް ވަނީ އެކުލަވާލާފައެވެ. އެގޮތުން މުވައްޒަފުގެ ތައުލީމީ ފެންވަރާއި، މަސައްކަތުގެ ތަޖުރިބާ އާއި، ތަމްރީނާއި، މަސައްކަތުގެ ފެންވަރާއި، ހާޒިރީ އަށާއި، މަސައްކަތުގެ އަހުލާގަށް ބަލަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.