ޚަބަރު

އެމްއާރްއެމުން މަޖިލީހަށް ވާދަކުރާ ފަރާތްތަކާއި އިންޓަވިއުކުރަން ފަށައިފި


ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އުފައްދާފައިވާ ރިފޯރމް މޫވްވަންޓް އެމްއާރްއެމްގެ ޓިކެޓްގައި މަޖިލިސް އިންތިޚާބުގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކާއި އިންޓަވިއުކުރަން ފަށައިފިއެވެ.

އެމްއާރްއެމްއިން ބުނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްއާރްއެމްގެ ޓިކެޓްގައި ކެނޑިޑޭޓުން ނެރެން ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކާއި އިންޓަވިއުކުރަން ފަށާފައިވާ ކަމަށެވެ.

އެމްއާރްއެމްއިން ބުނީ މަޖިލިސް އިންތިޚާބަށް ކެނޑިޑޭޓުން ނެރެން ނިންމި ނަމަވެސް ކޯލިޝަނުގައި ހިމެނޭ ޕާޓީތައް އެކުގައި ވާދަކުރަން އެއްބަސްވެފައި އޮތުމުން އެމްއާރްއެމް އިން ކެނޑިޑޭޓުން ނެރުމުގެ މަސައްކަތް ފާޅުކަން ބޮޑު ގޮތުގައި ފަށާފައި ނުވާ ކަމަށެވެ. އަދި ކޯލިޝަން އެކުގައި ވާދަކުރުމަކީ އެއްމެ ރަނގަޅު ގޮތް ކަމުގައި ދެކޭކަމަށްވެސް އެމްއާރްއެމް އިން ބުނެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތައް އެކުގައި ވާދަކުރަން ވަނީ އެއްބަސްވެފައެވެ. އެހެންނަމަވެސް އެމްޑީޕީން ވަކިން ވާދަކުރާނެކަން އިއުލާން ކުރުމާއި ގުޅިގެން ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީންވެސް ވަނީ އެޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާފައެވެ. އަދި އަދާލަތު ޕާޓީންވެސް ދަނީ މަޖިލީހުގެ 13 ދާއިރާއަކަށް ކުރިމަތިލާން ތައްޔާރު ވަމުންނެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 6 ވަނަދުވަހުއެވެ. އަންނަ ޖަނަވަރީ މަހު ފަހުކޮޅު މަޖިލިސް އިންތިޚާބު ރަސްމީކޮށް ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.