ޚަބަރު

ރައީސް ޞާލިހް ދުވާފަރާއި އުނގޫފާރު ކައުންސިލާ ބައްދަލު ކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރ. ދުވާފަރާއި އެ އަތޮޅު އުނގޫފާރު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

ވަކިވަކިން ބޭއްވެވި މި ބައްދަލުކުރެއްވުންތަކުގައި އެ ދެ ރަށުގެ ކައުންސިލުން ވަނީ އެކައުންސިލްތައް ހިމެނޭ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާއި ކުރިޔަށް ރާއްވާފައިވާ ކަންތައްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރައްވާފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދުވާފަރާއި އުނގޫފާރު ކައުންސިލް މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ރައީސްގެ މި ދަތުރުފުޅަކީ، އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި ބާއްވާ ޚާއްޞަ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެގޮތުން މި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ޞާލިހްގެ މި ދަތުރުފުޅުގައި، ފާދިއްޕޮޅުގައި ތަރައްޤީކޮށްފައިވާ ކުޑަދޫ އައިލެންޑް ރިޒޯޓް ހުޅުއްވައިދެއްވައި، ނ. އަތޮޅު ހެނބަދޫއަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ