ޚަބަރު

ޤުދުރަތީ ކާރިޘާތަކުގައި ޢަމަލު ކުރަން އެކުލަވާލި ޤާނޫނު ތަންފީޒު ނުކުރެވޭ - މާރިޔާ


ޤުދުރަތީ ގޮތުން ކުރިމަތިވާ ކާރިޘާތަކުގައި ޢަމަލު ކުރާނެ ގޮތްތައް ކަނޑައަޅައި ޤާނޫނެއް އެކުލަވާލިތާ ތިން އަހަރުވީއިރު، މިހާތަނަށް އެ ޤާނޫނު ތަންފީޒު ކުރެވިފައި ނުވާކަމަށް ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ ދިވެހީންގެ އެއްބައިވަތަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް ރ.ދުވާފަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ ސުނާމީ ފަދަ ޤުދުރަތީ ކަންކަން ކުރިމަތިވުމުން ޢަމަލު ކުރާނެގޮތްތައް ކަނޑައަޅައި ޤާނޫނެއް އެކުލަވަލެވުނީ، 2004ވަނަ އަހަރުގެ ސުނާމީ ކާރިޘާއަށް 11 އަހަރު ވީފަހުން 2015ވަނަ އަހަރު ކަމަށެވެ. އެހެންނަމަވެސް އެފަދަ މުހިންމު ޤާނޫނެއް އެކުލަވާލިފަހުން މިއަދާ ހަމައަށް 3 އަހަރު ވެގެންދިޔައިރު އަދިވެސް އެޤާނޫނު ތަންފީޒު ކުރެވިފައި ނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ 14 އަހަރު ކުރިން ކުރިމަތިވި ސުނާމީގެ ބިރުވެރި ކާރިޘާގެ ހިތި ހަނދާންތައް އައު ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ ދުވަހުގެ ބިރުވެރިކަމުގެ ހަނދާންތައް ދިވެހި ރައްޔިތުންގެ ހިތްތަކުގައި ބިންވަޅު ނެގިފައި ހުންނާނެ ކަމަށާ، އެއީ ހިތުން ފިލައިގެންދާނެ ހަނދާންތަކެއް ނޫން ކަމަށެވެ.

އަމިއްލަފުޅު ތަޖުރިބާގެ ވާހަކަތައް ޙިއްޞާ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ ސުނާމީ އެރި ދުވަހު މާލެ އަތޮޅު ރަށެއްގައިހުރި އެކަމަނާގެ އެކުވެރިއަކަށް ގުޅާލިއިރު ތަކުބީރުގެ އަޑާއެކު ރާޅެކޭ ބުނިއަޑު އިވުނު ކަމަށާއި އޭގެ ފަހުން އިތުރު އަޑެއްނެތި އެ ފޯން ކޯލް ކެނޑިގެންދިޔަ ކަމަށެވެ. އަދި އެއަށްފަހު ރަށެއްގައި ހުރި އެކަމަނާގެ ދޮށީ ދަރިފުޅަށް ގުޅަން ކުރެއްވި މަސައްކަތް އެކަމަނާ ޙިއްސާކުރެއްވިއެވެ.

ސުނާމީއަށްފަހު މާލޭގެ ރައްޔިތުންނާއި ވިޔަފާރިވެރިން، ހާލުގައި ޖެހުނު ރަށްރަށުގެ މީހުންނަށް އެހީވުމަށް ގެންގުޅުނު ދީލަތިކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި ސުނާމީއަށްފަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތަޖުރިބާތައް ވެސް މިނިސްޓަރ ވަނީ ޙިއްސާ ކުރައްވާފައެވެ. އެގޮތުން ސުނާމީގެ އަސަރު އެއްމެ ބޮޑަށް ކޮށްފައިވާ ރަށްރަށަށް ނިސްބަތްވާ މެމްބަރުންނަށް އަސަރުކޮށްފައިވާ މިންވަރު މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲއާއި ބައެއް އެހެން ވަޒީރުންވެސް ބައިވެރިވެ ވަޑައިގަތެވެ. މި ޖަލްސާގައިވަނީ ސުނާމީ ކާރިޘާގައި ރ.ކަނދޮޅުދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިން ރަށްރަށަށް ޝުކުރު އަދާކުރުމުގެ ގޮތުން ހަނދާނީ ފިލައެއް ދީފައެވެ.