ޚަބަރު

އެމްޓީޑީ ރަޖިސްޓްރީކޮށް ސެޓިފިކެޓު ހަވާލުކޮށްފި


ކުރީގެ ނާއިބުރައީސް އަޙުމަދު އަދީބު އިސްވެހުންނަވައި މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ ނަމުގައި އުފެއްދި ސިޔާސީ ޕާޓީ އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީކުރި ކަމުގެ ސެޓިފިކެޓް އެޕާޓީއާ ޙަވާލުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި ރަޖިސްޓްރޭޝަން ސެޓިފިކެޓް އެޕާޓީއާ ޙަވާލުކޮށްދެއްވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފެވެ. އެމްޓީޑީގެ ފަރާތުން ލިޔުމާއި ޙަވާލުވެވަޑައިގަތީ އެ ޕާޓީގެ މުއައްސިސް ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ނާއިބު ރައީސް އިސްމާޢީލް އާސިފެވެ.

އެމްޓީޑީގެ ރަޖިސްޓްރީއާ ހަވާލުވެވަޑައިގަތުމަށްފަހު، އެ ޕާޓީގެ މުއައްސިސް އަދި ކައުންސިލް މެންބަރު އިސްމާޢީލް އާސިފް ވިދާޅުވީ އެމްޓީޑީއަކީ ހަރަކާތްތެރި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ފެނިގެންދާނެ ކަމަށާ ކުރިއަށް އޮތް ތަނުގައި އެ ޕާޓީން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތައް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ.

"މިއީ އަޅުގަނޑުމެން ޕާޓީގެ އެއްމެ ފުރަތަމަ ހަރުފަތް. ދެން އެއްމެ އަވަހަށް އޮންނާނީ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމެއް. އެއަށްފަހު އިތުރު ކުރިއަށް ގެންދަން ބޭނުންވާ އިތުރު ހަރަކާތްތަކާއި ސިޔާސަތުތައް ވަރަށް އަވަހަށް ހާމަކުރާނަން."

އާސިފް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ އެއްފަހަރާ ގިނަ ސިޔާސީ ޕާޓީތަކެއް އުފެދެމުންދާއިރު ވިސްނަން ޖެހޭނީ ޤާނޫނީ އިމުގެ ތެރެއިން ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތައް ކުރިއަށް ގެންދަން ކަމަށެވެ. އަދި އީސީގެ މެންބަރު އިސްމާއިލް ހަބީބު ވަނީ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ޤައުމީ މަސްލަޙަތު އިސްކުރުމަށް ގޮވާލައްވާފައެވެ.

"ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ހިންގާއިރު އެންމެ އިސްކަން ދޭންވާނީ ޤައުމީ މަސްލަޙަތައް. އަދި ކޮމިޝަނުން ޔަގީން ކުރަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނާ އެއްގޮތަށް ސުލޫކީ މިންގަނޑުގެ ތެރެއިން ކަމަށް އެމްޓީޑީވެސް އެހެން ޕާޓީތަކުންވެސް ޙަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް."

ޙަބީބް ވިދާޅުވިއެވެ.

އެމްޓީޑީ އުފެއްދުމަށް އެޕާޓީގެ އިފްތިތާހީ އާންމު ޖަލްސާ ބާއްވާފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައެވެ. 500 އަށްވުރެ ގިނަ ޢާންމު މެންބަރުންނާއެކު ކުރިއަށްގެންދިޔަ އެ ޖަލްސާގައި ވަނީ އެމްޓީޑީގެ އިންތިޤާލީ ކައުންސިލަށް 11 މެންބަރުން ހޮވާފައެވެ. އެގޮތުން އެ ޕާޓީގެ މުއައްސިސް އިސްމާއިލް އާސިފާއި ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދާއި ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބްގެ އަނބިކަބަލުން މަރިޔަމް ނަޝްވާ ވެސް ކައުންސިލްގައި ހިމެނެއެވެ.

އެ ޖަލްސާގައި ވަނީ އެޕާޓީގެ ލޯގޯ އާއި ކުލަވެސް ފާސްކޮށްފައެވެ. އެގޮތުން އެ ޕާޓީގެ ކުލައެއްގެ ގޮތުގައި މިހާރުވެސް ބޭނުންކުރަމުން އަންނަ ވިލު ނޫކުލަ ފާސްކޮށް މިހާރުގެ ލޯގޯ ބޭނުން ކުރުމަށް އެރޭގެ ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުން ވަނީ ވޯޓް ދީފައެވެ.

ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގައިވާ ގޮތުން ޕާޓީ ރަސްމީކޮށް ރަޖިސްޓްރީކޮށްދޭނީ ޕާޓީ އުފެއްދުމުގެ ޖަލްސާގައި މަދުވެގެން 300 މީހުން ބައިވެރިވެ، އެ ޕާޓީގެ އަސާސީ ޤަވާއިދު ފާސް ކުރުމުންނެވެ.