ސިޔާސީ

އެމްޓީޑީގެ ރައީސަކަށް އަދީބު އައްޔަނުކޮށްފި


މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ރައީސަކަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އައްޔަނުކޮށްފިއެވެ.

އެމްޓީޑީން އެގޮތަށް ނިންމީ މިރޭ ބޭއްވި އެޕާޓީގެ ދެވަނަ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 8 މެންބަރުންގެ އިއްތިފާގުންނެވެ.

އެމްޓީޑީން ވަނީ އެޕާޓީގެ ސީނިއާ ނައިބު ރައީސާއި ނައިބު ރައީސަށްވެސް ދެ ބޭފުޅުން އައްޔަންކޮށްފައެވެ. އެގޮތުން ސީނިއާ ނައިބު ރައީސަކަށް އެ ޕާޓީގެ މުޢައްސިސް، އިސްމާއީލް އާސިފް އައްޔަނުކުރިއިރު، ނައިބު ރައީސަކަށް އައްޔަނުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީނެވެ.

އެމްޓީޑީގެ ރައީސަކަށް އަދީބު އައްޔަނުކުރިއިރު އޭނާއަކީ އެޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނުމާއެކު އެންމެ ފުރަތަމަ ސޮއިކުރެއްވި މެންބަރެވެ.

އެމްޓީޑީގެ ރައީސް ކަމަށް އަދީބު އައްޔަނުކުރުމާ ގުޅިގެން ޕީއެސްއެމް ނިއުސް އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އެމްޓީޑީގެ ރައީސް ކަމަށް އައްޔަނުކުރި މައުލޫމާތު ރަސްމީކޮށް އެ ކޮމިޝަނަށް އަދި ލިބިފައިނުވާ ކަމަށެވެ.

އަކްރަމް ވިދާޅުވީ، އަދީބަށް އެޕާޓީގެ ރައީސްގެ މަޤާމު ހަވާލުކުރުމަށް ކައުންސިލުން ނިންމި ނަމަވެސް އެކަމަކީ އިލެކްޝަނުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަކްރަމް ވިދާޅުވީ ޖަލު ހުކުމެއް ތަންފީޒުކުރާ ފަރާތަކަށް ސިޔާސީ ޕާޓީއެއްގެ އެއްވެސް ރަސްމީ މަޤާމެއް އަދާކުރުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނު ހުއްދަ ކުރާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ސިޔާސީ ޕާޓީއެއްގެ އާންމު މެންބަރަކަށް ވެވިދާނެކަމަށް އަކްރަމް ވިދާޅުވިއެވެ.

ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބު އެމްޓީޑީގެ ރައީސްގެ މަޤާމަށް އައްޔަނުކުރިއިރު، އެޕާޓީން ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގިނަ ދާއިރާތަކަކަށް ވާދަކުރާނެ ކަމަށްވެސް ބުނެފައެވެ.