ކުޑަކުދިންގެ ހަވީރާއި ސްޓޯލްތަކާއެކު ހަފްތާރެސްގެ ހަރަކާތްތައް ފަށައިފިއެވެ.
ހަފްތާރެސްއަކީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިންތިޒާމްކޮށްގެން ކޮންމެ ހަފްތާ ބަންދެއްގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ ވީކް އެންޑް މާކެޓެކެވެ.
ރަސްފަންނު ސަރަޙައްދުގައި ކުރިއަށްދިޔަ މިހަރަކާތުގެ ތެރެއިން ކުޑަކުދިންގެ ހަވީރަށާއި ސްޓޯލްތަކަށް ވަނީ ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކުރިއެވެ. ކުޑަކުދިންގެ ހަވީރުގެ ތެރެއިން މެޖިކް ޝޯވްއަކާއި ކުރެހުމާއި ލަވަކިޔުންފަދަ ހަރަކާތްތައް ކުރިއަށްގެންދިޔައެވެ.
ވިޔަފާރި ސްޓޯލްތައް އެސަރަޙައްދުގައި ހުރިއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ގިނަ ޢަދަދެއްގެ އަންހެން ކަނބަލުންނާއި އަލަށް ވިޔަފާރީގެ ތެރެއަށް ނިކުމެފައިވާ ޒުވާނުންނަށް ސްޓޯލްތައް ދިނުމުގައި އިސްކަންދީފައިވާކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ. މިސްޓޯލްތަކުން އާންމުކޮށް ބާޒާރުގައި ހުންނަ އަގުތަކަށްވުރެ އަގުހެޔޮކޮށް އެކި ބާވަތުގެ މުދާ ލިބެން ހުންނާނެކަމަށްވެސް ޔޫތު މިނިސްޓްރީން ބުނެއެވެ.
ހަފްތާރެސް އަކީ ކޮންމެ ހަފްތާ ބަންދަކު ވީކް އެންޑް މާކެޓެއް ބޭއްވުމަށް ރައީސް ޞާލިހު ވެވަޑައިގަންނަވާފައިވާ ވަޢުދުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ. ހަފްތާރެސް ރަސްމީކޮށް އިފްތިތާޙުކުރުމަށް ރަސްފަންނު ސަރަޙައްދުގައި މިރޭ ކުލަގަދަ ހަރަކާތްތަކެއް ކުރިއަށްގެންދާނެއެވެ.
ހަފްތާރެސްއަކީ ތަފާތު މާހައުލެއްގައި ގިނަ ރައްޔިތުން އެއްތަނަކުން ބައްދަލުވެ، ވަގުތު ހޭދަކޮށްލުމަށް މަގުފަހިކޮށްދިނުންކަމަށް ބާއްވާ ހަރަކާތެއްކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.