ޚަބަރު

ސަރުކާރުން އިސްކަންދޭނީ އިންސާނީ ތަރައްޤީއަށް - ރައީސް


ޢުމްރާނީ ތަރައްޤީއަށް އެކަނި ވިސްނުމުގެ ބަދަލުގައި މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ އިންސާނީ ތަރައްޤީއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އޯލްޓަރނޭޓިވް މެޑިސިން ކުރިއެރުވުމާއި ގުޅޭ މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ، ދުޅަހެޔޮ ރަނގަޅު ޞިއްޙަތެއްގައި ހުރުމަކީ ކޮންމެ މީހަކަށްވެސް ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ. އެގޮތުން ޙަޤީޤީ ތަރައްޤީއަކީ، އިންސާނާގެ ނަފްސާއި ޒާތަށްވެސް އަންނަ ތަރައްޤީ ކަމަށާއި ތަރައްޤީއަށް ވާސިލް ވެވޭނީ ވިސްނުންވެސް ތަރައްޤީވެ ކުރިއަރައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޞިއްޙީ ދުޅަހެޔޮކަމުގެ ތެރެއިން ނޫނީ އިންސާނާގެ ވިސްނުމުގެ އުފެއްދުންތެރި ނަތީޖާ ޙާޞިލް ނުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހިންގެ ދިރިއުޅުމުގައި އަދިވެސް ނުރަނގަޅު އާދަތައް ގެންގުޅޭ ކަމަށެވެ. އެގޮތުން ޒަމާނީ ލުއިފަސޭހަތަކާއެކު، ސިކުނޑިތަކަށް ކަންނެތްކަމާއި ވަރުބަލިކަން ސަވާރުވެ ހަށިތަކަށް ފަލަކަމާއި ލޮޑުކަން ވެރިވަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން އެކަމަށް އެންމެ ޔަގީންކަން ބޮޑު ފަރުވާއަކީ، ޞިއްޙަތަށް ފައިދާހުރި ކާނާއާއި ޙަރަކާތްތެރި ދިރިއުޅުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ ބޭސްފަރުވާއަކީ، ދުޅަހެޔޮ ޞިއްޙަތެއްގެ އެއް ފަރާތަށްވީއިރު އަނެއް ފަރާތަކީ، ދިރިއުޅުމުގެ ރަނގަޅު އާދަތަކާއި ޞިއްޙަތަށް ފައިދާހުރި ކާނާކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ހުރިހާ އާއިލާތަކުންވެސް ވިސްނަންވީ ކުދިންގެ އެންމެ ތުއްތު ޢުމުރުން ފެށިގެން ދަރީންނަކީ، ދުޅަހެޔޮ ހަށިހެޔޮ ބަޔަކަށް ހެދުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.