ޚަބަރު

އީސީގެ ލޯގޯއާއި ކުލަ ބަދަލު ކުރަން މަޝްވަރާކުރަން ފަށައިފި


އިލެކްޝަންސް ކޮމިޝަނުން މިހާރު ބޭނުން ކުރަމުން އަންނަ ލޯގޯއާއި ކުލަ ބަދަލު ކުރަން މަޝްވަރާ ކުރަމުން އަންނަކަމަށް އެކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ކޮމިޝަންގެ ލޯގޯއަށް އިތުރު ފުރިހަމަ ކަމެއް ގެންނަން ޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

އަކްރަމް ވިދާޅުވީ އީސީގެ ކުލައާއި ލޯގޯ ބަދަލު ކުރުމާ ގުޅޭގޮތުން އީސީ މެމްބަރުންގެ މެދުގައި މަޝްވަރާކުރަމުން އަންނަ ކަމަށާއި އެގޮތުން އަންނަ މަހުގެ ތެރޭގައި އެކަމުގައި ގޮތެއް ނިންމާނެ ކަމަށެވެ.

އީސިގެ ލޯގޯއާއި ކުލަ ބަދަލު ކުރުމަށް މަޝްވާރާކުރަމުން އަންނަކަން ފާހަގަ ކުރައްވައި އަކްރަމް ކުރެއްވި ޓްވީޓްގައިވަނީ އެކަމާމެދު އާންމުން ދެކެނީ ކިހިނެތްތޯ ސުވާލު ކުރައްވާފައެވެ. އަކްރަމްގެ ޓްވީޓަށް ޖަވާބު ދެއްވި އާންމުންގެ ތެރެއިން ގިނަ މީހުން ބުނެފައިވަނީ މިހާރު އެކޮމިޝަނުން ބޭނުން ކުރަމުން އަންނަ ލޯގޯއާއެކު ކުލަ ވެސް ބަދަލު ކުރަން ފެންނަ ކަމަށެވެ.