ބޭންސާފުން ދޫކުރި ކަމަށް ތުހުމަތުކުރާ ފްލެޓްތަކުގެ މައްސަލައިގައި އެކަށީގެންވާ ޙައްލެއް ހޯދައިދެވޭނީ، އެ މައްސަލަތައް ބަލަން އެކުލަވާލާފައިވާ ކޮމެޓީގެ މަސައްކަތްތަކަށްފަހު އެލަފާ ލިބުމުން ކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އާމިނަތު ޢާޠިފާ ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ކުރުމަށް ހަމަޖެހިފައިވާ ކަންކަމާގުޅޭ މަޢުލޫމާތު ފުރަތަމަ ފަހަރަށް މީޑިއާއާ ޙިއްސާކުރައްވަމުން ހައުސިންގ މިނިސްޓަރ ވިދާޅުވީ ފްލެޓްތަކާ ގުޅޭ މައްސަލަތައް ބަލަން ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމެޓީގެ މަޢުލޫމާތު ދެދުވަހެއްގެ ތެރޭގައި އެ އޮފީހުން ޢާއްމުކުރާނެ ކަމަށެވެ.
އެ ކޮމެޓީގެ މަސައްކަތް ފެށުމާއެކު ހައުސިން މިނިސްޓްރީގައި ހުރި ފްލެޓް މަޝްރޫއުތަކުގެ ލިއުންތައް ހަވާލުކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ "ހިޔާ" މަޝްރޫޢާއި "ގެދޮރުވެރިކުރުމުގެ" މަޝްރޫޢުގެ އިތުރުން ގުޅީފަޅު މަޝްރޫއުގައި ފްލެޓް ދޫކުރި ގޮތް އެ ކޮމެޓީން ބަލާނެކަމަށެވެ. އެ މަޝްރޫއުތަކުން ފްލެޓް ދޫކޮށްފައި ވަނީ އެންމެ އިންސާފުވެރިކޮށްތޯ ބަލައި ރައްޔިތުންގެ ޝަކުވާތަކާއި އެކަމާ ގުޅިގެން ފާހަގަވާ މައްސަލަތައް ކޮމެޓީން ބަލާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"އެފްލެޓްތަކާ ގުޅޭ މައްސަލަތަކުގައި ކޮމެޓީން ކަމެއް އޮޅުންފިލުވަން ވެއްޖެ ހާލަތެއްގައި ނޫނީ، އަޅުގަނޑުމެން މިނިސްޓްރީގެ ދައުރެއް މިކަމުގައި ނޯންނާނެހައުސިން މިނިސްޓަރ އާމިނަތު ޢާޠިފާ
ކުރީގެ ސަރުކާރުން ފްލެޓް ލިބުނު ބައެއް ފަރާތްތަކަށް ފްލެޓް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްފައިވީނަމަވެސް މި ސަރުކާރުން ހަވާލުވިއިރުވެސް ބައެއް ފަރާތްތަކަށް ދޭންޖެހޭ ލިޔެކިޔުންތައް ދީފައި ނުވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ހިޔާ މަޝްރޫއުގެ ފްލެޓްތަކާބެހޭގޮތުން މިނިސްޓަރ ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޤާއިމުކުރާ ފްލެޓްތަކުގެ މަސައްކަތް ނިމި އެތަނުގެ ހައްގުވެރި ފަރާތްތަކަށް ފްލެޓްތަކަށް ވަދެވޭނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. އަދި ފްލެޓްތައް ނިމުނުނަމަވެސް އެ ސަރަޙައްދުގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައްވެސް ކުރަންޖެހޭކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
"އެއްވެސް މަސައްކަތެއް ފިޒިކަލީ ހުއްޓިގެން ނުދޭ، ކުރިއަށްއެބަދޭ، އަޅުގަނޑުމެން މި ބަލަނީ ނޮވެމްބަރު މަހާއި ހަމައަށް މަސައްކަތް ނިމިގެންދާނެ ކަމަށްހައުސިން މިނިސްޓަރ އާމިނަތު ޢާޠިފާ
ބޭއިންސާފުން ފްލެޓް ދޫކުރުމުގެ ސަބަބުން ހައްގުވެރިން ބާކީވެފައިވާތީ، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފްލެޓް ދޫކުރި މީހުންނާ މެދު މި ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ފިޔަވަޅު އަޅަން ވަނީ ނިންމައިފައެވެ. އެއާއެކު ހަމަހަމަ އުސޫލުން ފްލެޓް ދޫކުރާނެ ނިޒާމެއް ކަނޑައަޅަން ވެސް ވަނީ ވައުދުވެފައެވެ.