ޚަބަރު

ޔޫއޭއީއަށް ދަތުރުކުރުމަށް ދިވެހިންނަށް ހިލޭ ވިސާދޭގޮތަށް ހަމަޖައްސައިފި


ޔުނައިޓެޑް އަރަބް އެމިރޭޓްސް ޔޫއޭއީއަށް ދަތުރުކުރާ ދިވެހިންނަށް ހިލޭ ވިސާ ދޫކުރަން ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަޙްމަދު ޚަލީލު ވިދާޅުވީ، މާދަމާއިން ފެށިގެން ދިވެހިން ޔޫއޭއީއަށް ދަތުރުކުރުމުގައި ވިސާ ނަގަން ނުޖެހޭނެ ކަމަށާ، ދިވެހިންނަށް ފްރީ ވިސާ ދިނުމުގައި ޔޫއޭއީގެ ސަރުކާރުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް އެއަރލައިންތަކަށްވެސް މިހާރު އަންގާފައިވާކަމަށެވެ.

އެގޮތުން އެއް މަސް ދުވަހުގެ ހިލޭ އޮންއެރައިވަލް ވިސާ ލިބޭގޮތަށް މިހާރު ހަމަޖެހިފައިވާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް އިތުރު މުއްދަތަކަށް އެހެން ބޭނުންތަކަށް އެޤައުމަށް ދަތުރުކުރާނަމަ އަދިވސް ވިސާ ނަގާއިރު ފައިސާ ދައްކަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި.

"
ދިވެހިން ޔޫއޭއީއަށް ދަތުރުކުރުމުގައި ވިސާއަކާ ނުލައި ދަތުރުކުރުމުގެ ހުރިހައި އިންތިޒާމްތަކެއް މާދަމާއިންފެށިގެން މިވަނީ ހަމަޖެހިފައި. ކޮންމެ ކަމެއްގައިވެސް ވިސާއަކާއި ނުލައި އެއްމަހުގެ ވިސާގައި ދިވެހިންނަށް ޔޫއޭއީއަށް ދަތުރު ކުރެވޭނެ
އަޙުމަދު ޚަލީލް

ފޮރިންގ މިނިސްޓްރީން ކުރިން ވިދާޅުވެފައިވަނީ މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ހިލޭ ވިސާގައި ޔޫއޭއީއަށް ދަތުރުކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް، އެކަމުގައި ފުރިހަމަ ކުރަންޖެހޭ ބައެއް އިންތިޒާމްތައް ހަމަނުޖެހުމުގެ ސަބަބުން އެ ތާރީޚްގައި ވިސާގެ ކަންކަން ހަމަޖެހިފައި ނުވާތީ ބައެއް ފަރާތްތަކަށް ވަނީ ދަތިތަކާ ކުރިމަތިވެފައިވެއެވެ.

އެކަމާއި ގުޅިގެން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ސްޓޭޓް މިނިސްޓަރ ޚަލީލް ވިދާޅުވީ ކުރިން ހާމަކުރެއްވި ތާރީޚަށް އެކަން ހަމަޖެހޭގޮތް ނުވީ ޔޫއޭއީގެ ސަރުކާރުން ބައެއް އެއަރލައިން ތަކަށް އެމަޢުލޫމާތު ޙިއްސާކޮށްފައި ނުވާތީ ކަމަށެވެ. އެހެން ނަމަވެސް އެހުރިހައި ކަމެއް ފުރިހަމަކޮށް ހުރިހާ އެއަރލައިންތަކަށްވެސް އެމަޢުލޫމާތު މިހާރު އަންގާފައިވާ ކަމަށް ޚަލީލް ވިދާޅުވިއެވެ.

ދިވެހިންނަށް ވިސާއާނުލައި ޔޫއޭއީއަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެޤައުމުގެ ޚާރިޖީ ވުޒާރާއާއެކު އެއްބަސްވުމަކަށް އާދެވިފައިވާކަން ނޮވެމްބަރު މަހުގެ ފަހުކޮޅު އިޢުލާނު ކުރައްވާފައިވަނީ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އެޤައުމަށް ކުރެއްވި ދަތުރުފުޅުގައި ވެރިރަށް އަބޫދާބީގައި ޔޫއޭއީގެ ޚާރިޖީ ވަޒީރު ޝައިޚް ޢަބްދުﷲ ބިން ޒައިދް އަލް ނަހްޔާނާ ބައްދަލުކުރެއްވުމަށްފަހުއެވެ.

ޔޫއޭއީގެ އިތުރުން، ވިސާގެ ތާށިކަން ކުރިމަތިވެފައި އޮތް އިންޑިއާއިންވެސް ވަނީ ދިވެހިންނަށް ވިސާގެ ލުއިފަސޭހެ ގޮތްތަކެއް ހަމަޖައްސާފައެވެ.