ކުޅިވަރު

ސްޕޯޓްސް ޓުއަރިޒަމް ތަރައްގީ ކުރުމަށް މިނިސްޓަރ އަލީ ވަހީދު ސަލްގާޑޯއާއި ބަައްދަލުކޮށްފި



ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު، ރެއާލް މެޑްރިޑާއި ސްޕެއިންގެ ކުރީގެ ތަރި މިޝެލް ސަލްގާޑޯއާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ރާއްޖޭގައި ސްޕޯޓްސް ޓުއަރިޒަމް ތަރައްގީ ކުރުމާއި ގުޅޭ ގޮތުންނެވެ. ޔޫރަޕަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ އެއް ބައްރެވެ.

މިނިސްޓަރ އަލީ ވަހީދާއި ސެލްގާޑޯގެ ބައްދަލުވުމުގައި ވަނީ ރާއްޖޭގައި ސްޕޯޓްސް ޓުއަރިޒަމް ތަރައްގީ ކުރުމަށް ކުރެވިދާނެ ކަންތަށްތަކާއި ބެހޭގޮތުން މަޝްވަރާކޮށްފައެވެ. ޓުއަރިޒަމް މިނިސްޓްރީއިން ބުނީ މިބައްދަލުވުމުގައި މައިގަނޑު 3 ކަމަކަށް މަޝްވަރާ ކުރެވުނުކަމަށެވެ.

ފުރަތަމަ ކަމަކަށް މަޝްވަރާ ކުރެވުނީ ބޭރުގެ ބޮޑެތި ލީގުގެ ކުލަބްތައް ރާއްޖެ ގެނައުމާއި، އެކަމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުންނެވެ. އަދި ރާއްޖޭގައި ސްޕޯޓްސް ޓުއަރިޒަމް ފެސިލިޓީސްތައް ތައްރަގީ ކުރުމާއި ގުޅޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ. އޭގެ ތެރޭގައި ޓީމްތައް އައިސް ރާއްޖޭގައި ކޭމްޕްކޮށް ފަރިތަކުރުންތައް ކުރިއަށް ގެންދެވޭނެ ގޮތްތަކާއި ބެހޭގޮތުންވަނީ ހިޔާލު ކުރެވިފައެވެ. އަދި ޓީމްތައްް ރާއްޖޭގައި ކޭމްޕް ކުރާއިރު، ތަރައްގީ ކުރަންޖެހޭ ކުޅިވަރުގެ ވަސީލަތްތަކާއި ބެހޭގޮތުންވެސް ރެއާލް މެޑްރިޑުގެ ކުރީގެ ޑިފެންޑަރު، ސަލްގާޑޯއާއިއެކު މަޝްވަރާ ކުރެވުނެވެ. އެންމެ ފަހުކަމެއްގެ ގޮތުން މަޝްވަރާކޮށްފައިވަނީ ރާއްޖޭގެ ޓުއަރިޒަމް އިސްތިހާރު ކުރުމާއި ގުޅޭގޮތުންނެވެ. ކުލަބްތައް ސްޕޮންސަރ ކުރުމާއި ކުލަބްތަކުގެ ޖޯޒީ ބޭނުންކޮށްގެން ރާއްޖޭގެ ޓުއަރިޒަމް އިސްތިހާރު ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި މެދުވަނީ މަޝްވަރާކޮށްފައެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ މިއީ ވަރަށް ކާމިޔާބު ބައްދަލުވުމެއްކަމަށާއި ސަލްގާޑޯއާއި އެކު ވަރަށް ގާތް ގުޅުމެއް އުފެދިއްޖެއެވެ.