ވިޔަފާރި

ރޭގަނޑު 11 ޖަހަންދެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭ ގޮތަށް ޤަވާއިދުު އިޞްލާހުކޮށްފި


އިމްޕޯޓް މުދާ ވިއްކާ ފިހާރަތައް ރޭގަނޑު 11 ޖަހަންދެން ހުޅުވާފައި ބެހެއްޓޭގޮތަށް އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ޤަވާއިދު ސަރުކާރުން އިސްލާޙުކޮށްފިއެވެ.

ރޭގަނޑު ދިހައެއް ޖަހާއިރު ފިހާރަތައް ބަންދުކުރާ ގޮތަށް އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ޤަވާއިދު އިޞްލާހުކޮށްފައިވަނީ 2015 ވަނަ އަހަރުގެ މާޗުމަހުގެ 26 ވަނަ ދުވަހުއެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓްރީން މިޤަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، މިއަދުން ފެށިގެން ރޭގަނޑު އެގާރަ ޖަހަންދެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެއެވެ.

ރޭގަނޑު އެގާރަ ޖަހަންދެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭގޮތަށް ޤަވާއިދު އިޞްލާޙުކޮށްފައިވާއިރު، ފިހާރަތަކާއި ސައިހޮޓާ އަދި ރެސްޓޯރަންޓް 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ އުޞޫލުވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ މިއަދު ގެޒެޓްކޮށްފައެވެ.

މިއުސޫލުގައި، 24 ގަޑިއިރު ޚިދުމަތް ދިނުމަށް އެދި ހުށަހަޅާނެ ގޮތާއި، ހުއްދަ ދިނުމުގައި ބަލާނެ ކަންކަމާއި ޝަރުތުތަކާއި އެކަމަށް ނަގާ ފީއާއި، ހުއްދަ ބާތިލް ކުރެވޭ ގޮތްތައް ބަޔާންކޮށްފައިވެއެވެ. މިގޮތުން ފިހާރަތަކާއި ސައިހޮޓާ ރެސްޓޯރަންޓްތަކުން 24 ގަޑިއިރު ޚިދުމަތް ދޭން ބޭނުންނަމަ އެކަމަށް އެދި ސިޓީ ކައުންސިލަށް، ނުވަތަ ރަށެއްގައި ނަމަ ރަށު ކައުންސިލަށް ހުށަހެޅުމުން، އެކަމުގެ ހުއްދަ ދޭނީ އެކައުންސިލަކުންނެވެ. އަދި 24 ގަޑިއިރު ޚިދުމަތްދިނުމުގެ ހުއްދަ ދޭނީ، ސާފުކޮށް އެތެރެ ފެންނާނެހެން އަލިކޮށްފައި ހުންނަ، ސީސީޓީވީ ކެމެރާ 24 ގަޑިއިރު އޮޕަރޭޓްކުރާ ފިހާރަތަކާއި ރެސްޓޯރަންޓްތަކާއި ހޮޓާތަކަށްކަމަށް އިކޮނޮމިކް މިނިސްޓްރީން ގެޒެޓްކޮށްފައިވާ ޤަވާއިދުގައި ބުނެއެވެ.

ޤަވާއިދުގައިވާ ގޮތުން 24 ގަޑިއިރު ޚިދުމަތްދޭ ސައި ހޮޓާ، ރެސްޓޯރަންޓް ކެފޭތަކުގައި ދުންފަތުގެ އިސްތިއުމާލްކުރުމަކީ މަނާކަމެކެވެ. އަދި ފްރެންޗައިޒް އުސޫލުން ހިންގާ އެއްވެސް ތަނަކަށްވެސް 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައެއް ނުލިބޭނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ގެޒެޓްކޮށްފައިވާ ޤަވާއިދުގައިވާ ގޮތުން 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ލިބޭ ފަރާތްތަކުން މީރާއަށް ދެހާސް ރުފިޔާގެ ފީއެއް ދައްކަންޖެހެއެވެ. އަދި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ 2 އަހަރުގެ މުއްދަތަކަށް ދޭއިރު، 2 އަހަރު ވުމުން ހުއްދަ އާކުރުމަށް ހުށަހަޅަންޖެހެއެވެ.

ފިހާރަތަކާއި ރެސްޓޯރަންޓް އަދި ކެފޭތައް 24 ގަޑިއިރު ހުޅުވާފައި ބެހެއްޓޭ ގޮތަށް ސަރުކާރުން ޤަވާއިދު އިސްލާހުކޮށްފައިވާއިރު، މިއީ ސަރުކާރުގެ ފުރަތަމަ ތިރީސް ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ ވަޢުދެކެވެ.