ޚަބަރު

އިތުރު ޤައުމުތަކާމެދު ގުޅުން ބަދަހިކުރަން މަސައްކަތް ކުރާނަން - ފޮރިން މިނިސްޓަރ


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން ރާއްޖެއާއެކު ޒަމާންވީ ގުޅުން ޤާއިމްކޮށްފައިވާ ޤައުމުތަކުގެ އިތުރުން އިތުރު ޤައުމުތަކާއި އެކު ގުޅުން ޤާއިމްކުރަން މަސައްކަތް މިފެށުނު މީލާދީ އައު އަހަރުގެތެރޭގައި ކުރައްވާނެކަމަށް ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު ދެއްވި އައު އަހަރުގެ ތަހުނިޔާގެ މެސެޖުގައި ވިދާޅުވީ 2018 ވަނަ އަހަރު ނިމިގެންދިޔައީ ދިވެހިންނަށް އުންމީދުން ފުރިގެންވާ އަހަރެއްގެ ގޮތުގައިކަމަށާ ދިވެހިންކުރި އުންމީދުތައް ޙާސިލުކޮށްދިނުމަށް، މިފެށުނު 2019 ވަނަ އަހަރު، އިތުރު މަސައްކަތްތަކެއް ކޮށްދިނުމުގައި ދިވެހި ސަރުކާރުން ދެމިއޮންނާނެކަމަށެވެ. އަދި ރާއްޖެއިން ބޭރުގެ އެކިއެކި ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ކަންތައްތައް ޙައްލުކުރެއްވުމަށް ސަރުކާރުން އިތުރަށް މަސައްކަތް ކުރައްވާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީއާއި ތިމާވެއްޓަށް އަންނަ ބަދަލުތަކަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާރިޖީ ސިޔާސަތުގެ އެންމެ މައިގަނޑު ތަނބުތައްކަމަށާ، އެކަންކަމުގެ މައްޗަށް ބިނާކޮށް މިފެށޭ މީލާދީ އައު އަހަރުގެ ތެރޭގައި ދޭދޭ ޤައުމުތަކާއެކު އުފެދިފައިވާ ގުޅުން އިތުރަށް ބަދަހިކުރުމާއި އައު ޤައުމުތަކާއި އެކު ރަނގަޅު ގުޅުންތަކެއް ޤާއިމުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޢަބްދުﷲ ޝާހިދު ދެއްވި ވީޑިއޯ މެސެޖު

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު އަވައްޓެރި ޤައުމުތަކާއި ރާއްޖެއާދެމެދު އޮންނަ ގުޅުންތައް ބަދަހިކުރައްވަން ދަނީ މަސައްކަތްކުރައްވަމުންނެވެ.
އެގޮތުން މިހާރު އިންޑިއާއެކު އޮތްގުޅުން ކޮންމެވެސް ވަރަކަށް ހީނަރުވެފައި އޮތުމައްފަހު މިހާރު އެގުޅުން ބަދަހިވެ ދެޤައުމުގެ ދެމެދުގައި ދިމާވެފައިވާ ވިސާގެ މައްސަލަތައް މިހާރުވަނީ ހައްލުކޮށްފައެވެ.
އަދި މިއަދުން ފެށިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް ޔޫއޭއީއަށް ދަތުރުކުރާ ދިވެހިންނަށް ހިލޭ ވިސާ ލިބޭގޮތަށްވެސް މިހާރވަނީ ހަމަޖައްސަވާފައެވެ.