ޚަބަރު

ރަސްރަނި ބަގީޗާގެ ނަން އަލުން ސަލްޓަން ޕާރކަށް ބަދަލުކުރުމަށް ނިންމައިފި


ރަސްރަނި ބަގީޗާގެ ނަން އަލުން ސަލްޓަން ޕާރކްގެ ނަމަށް ބަދަލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާޢު ޝަރީފް ވިދާޅުވީ، ރަސްރަނި ބަގީޗާގެ ނަން އަލުން ސަލްޓަން ޕާރކްގެ ނަމަށް ބަދަލުކުރަން ނިންމީ މާލޭ ސިޓީ ކައުންސިލްގެ ހުރިހާ މެންބަރުންގެ އިއްތިފާޤުން ކަމަށެވެ.

ޝަމާއު ވިދާޅުވީ، ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާރކްގެ ނަމަށް ބަދަލުކުރަން ނިންމީ އެ ޕާރކަކީ ރާއްޖޭގެ ތާރީޚީ މުހިންމު ތަނަކަށް ވުމާއެކު މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ލަފާގެ ދަށުންކަމަށެވެ. މި ބަދަލާ ގުޅިގެން ރަސްރަނި ބަގީޗާގެ ނަން އަލުން ރީބްރޭންޑްކޮށް ލޯންޗުކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށް ދާކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ވިދާޅުވިއެވެ.

ކުރީގެ ސަލްޓަންޕާކު މިހާރު އޮތްގޮތަށް ބަދަލުކޮށް، އެތަނުގެ ނަން ރަސްރަނި ބަގީޗާއަށް ބަދަލު ކޮށްފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ. ރާއްޖޭގެ ތާރީޚީ މުހިންމު ސައިޓަކަށް ބޮޑެތި ބަލަދުތަކެއް ގެނެސް، އެތަނުގެ ނަން ބަދަލުކުރުމާއެކު ގިނަ ބައެއްގެ ފާޑުކިއުންތައް އޭރު އަމާޒުވިއެވެ.

ކުރިން މާލޭގެ މަގުތަކާއި ޕާރކްތައް ބެލެހެއްޓުން ހައުސިންގ މިނިސްޓްރީގެ ދަށުން ކުރަމުންދިޔަނަމަވެސް، މި ސަރުކާރުންވަނީ ސިޓީ ކައުންސިލަށް އެބާރުތައް ދީފައެވެ. ރަސްރަނި ބަގީޗާ ހިމެނޭ ސަރަހައްދަށް ބަދަލުތަކެއްގެނެސް އެތަނާ އިންވެގެން ތަރައްޤީކޮށްފައިވާ އިސްލާމީ މަރުކަޒު މައިދާނަށްވެސް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އަދި ހަމަމިއާއިއެކު ކަޅުވަކަރު މިސްކިތްވެސް އަލުން އެ ސަރަޙައްދުގައި ބެހެއްޓުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު ވަނީ ނިންމަވާފައެވެ.