ޚަބަރު

ކައުންސިލްތަކުގެ "ޓައުންހޯލް ބައްދަލުވުން" ބާއްވާނެ ގޮތުގެ އުޞޫލު އެކުލަވާލައިފި


ވަކި ޢަދަދެއްގެ ރައްޔިތުން އެދުމުން ކައުންސިލްތަކުގެ ޓައުންހޯލް ބައްދަލުވުންތައް ބާއްވާނެ ފުރުޞަތު ފަހިކޮށްދިނުމުގެ އުޞޫލު ފާސްކުރައްވައިފިއެވެ. މި އުޞޫލު ފާސްކޮށްފައި ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގައި މިއަދު ބޭއްވި މި އަހަރުގެ ފުރަތަމަ ބޯޑު ބައްދަލުވުމުގައެވެ.

މި އުޞޫލަކީ ވަކި ޢަދަދެއްގެ ރައްޔިތުން އެދުމުން ކައުންސިލްތަކުގެ "ޓައުންހޯލް ބައްދަލުވުން"ތައް ބޭއްވޭނެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ވެވަޑައިގެންނެވި ވަޢުދެއްގެ ދަށުން ފާސްކުރެއްވި އުޞޫލެކެވެ.

މި އުޞޫލުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން އުފައްދާފައިވާ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން އެ ކައުންސިލެއްގެ އިޚްތިޞާސްގައި ހިމެނޭ ކަންކަމާއި ގުޅިގެން ރައްޔިތުންނާއި މަޝްވަރާކުރުމަށް ރައްޔިތުން އެދިގެން ބާއްވާ ޓައުންހޯލް ބައްދަލުވުންތައް އެއް އުޞޫލެއްގެމަތިން ބޭއްވުމަށް މަގުފަހިކުރުމެވެ.

މި އުޞޫލުގައިވާ ގޮތުން ސިޓީއެއްގައި ނުވަތަ ރަށެއްގައި ދިރިއުޅެމުންގެންދާ މީހުންގެތެރެއިން 100 މީހުން ނުވަތަ އެތަނެއްގައި ޢާންމުކޮށް ދިރިއުޅޭ އާބާދީގެ 20 އިންސައްތަ ރައްޔިތުން ކައުންސިލްގެ އިޚްތިޞާސް ހިމެނޭ ކަމަކާއި ނުވަތަ ކަންތައްތަކަކާއިގުޅިގެން ކައުންސިލާއި މަޝްވަރާކޮށް ޚިޔާލު ފާޅުކުރުމަށް ޢާންމުކޮށް ހުޅުވާލައިގެން ބައްދަލުވުމެއް ބޭއްވުމަށް އެދެފިނަމަ އެކަންކަމާއި މަޝްވަރާ ކުރުމަށް ޢާންމުކޮށް ހުޅުވާލައިގެން، ގިނަވެގެން 30 ދުވަހުގެ ތެރޭގައި ޓައުންހޯލް ބައްދަލުވުމެއް، ބާއްވަންޖެހެއެވެ.